ވޯލްޑް ކަޕް 2026: މޮރޮކޯ ކައިރިން އެއްވަރުވެ ބްރެޒިލްއަށް ޖާދޫ ނުދެއްކުނު
ފީފާ ވޯލްޑް ކަޕްގެ 2026 ގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ ބްރެޒިލް އާއި މޮރޮކޯ ވާދަކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެ، ބްރެޒިލްއިން ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ. ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު މޮރޮކޯއިން ޑޮމިނޭޓްކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ދިން މޮޅު ޕާހަކުން އިސްމާއިލް ސައިބާރީ ވަނީ ބްރެޒިލްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލެއް ޖަހައި މޮރޮކޯއަށް ކުރިހޯދައިދީފައެވެ. ނަމަވެސް ބްރެޒިލްއިން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ 32 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި، ބްރޫނޯ ގިމަރޭސް ދިން ރީތި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ތަރި ވިނީޝިއަސް ޖޫނިއާއެވެ. މި މެޗުގައި ދެ ޓީމަށްވެސް ލީޑު ފުޅާކުރުމަށާއި މެޗުން މޮޅުވުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލްގެ ލޫކަސް ޕަކެޓާ ފޮނުވާލި ނުރައްކާތެރި ސިޒާ ކިކް ހަމަލާ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފީފާ ވޯލްޑް ކަޕުގައި ބްރެޒިލްއާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފުރަތަމަ ހާފުގައި މޮރޮކޯއިން ބްރެޒިލްގެ ގޯލަށް 12 ހަމަލާ ފޮނުވާލިއިރު، ބްރެޒިލްއަށް އުފެއްދިފައިވަނީ 6 ހަމަލާއެވެ. މެޗުގެ ފަހު ހާފުގައި ބްރެޒިލްގެ އެޓޭކުތައް ވަރުގަދަވެ، ރަފީނިއާ އާއި ޑެނީލޯއަށް ލިބުނު ފުރުސަތުތައް ކީޕަރު ބޯނޯ ހުއްޓުވިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯގެ ނާއިލް އެލް އައިނާއުއީ ފޮނުވާލި ބާރު ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ ސޭވްކޮށް، ބްރެޒިލް ސަލާމަތްކޮށްދީފައެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ގައުމަކީ 5 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލްއެވެ. ބްރެޒިލްއަކީ 1930 އިން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕް މުބާރާތެއްގައިވެސް ވާދަކުރި ހަމައެކަނި ގައުމެވެ. މީގެ އިތުރުން، މި މެޗާ ހަމައަށް ބްރެޒިލްއިން ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުގައި ބަލިނުވެ 20 މެޗުގެ ރެކޯޑެއް ދަމަހައްޓާފައެވެ. މޮރޮކޯ އަކީ އެފްރިކާ ބައްރުން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ގައުމެވެ. އެ ޓީމުން ވަނީ 2022 ގެ ގަތަރު ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. ކާލޯ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން މިފަހަރު ކުޅޭ ބްރެޒިލްއަށް މި ނަތީޖާއަކީ އެޓީމު ކުރިއަށްދިއުމަށް ލިބުނު ބޮޑު ޗެލެންޖެކެވެ. މި ނަތީޖާއާއެކު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުން ބަލިނުވުމުގެ ސިލްސިލާ ބްރެޒިލުން ވަނީ 21 މެޗަށް ދަންމާލާފައެވެ. މިއީ 1938 ވަނަ އަހަރުން ފެށިގެން ބްރެޒިލްއިން ދަމަހައްޓަމުން އަންނަ، 92 އަހަރުވީ ރެކޯޑެކެވެ. މި ނަތީޖާއާއެކު މޮރޮކޯއިން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު 28 މެޗަށް އިތުރުވެފައިވާއިރު، ގްރޫޕްގެ ދެވަނަ މެޗުގައި ޖޫން 19 ވާ ހުކުރު ދުވަހު ބްރެޒިލް ނުކުންނާނީ ހެއިޓީއާ ދެކޮޅަށެވެ. އަދި މޮރޮކޯ ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ