ބްރެޒިލްއަށް މިއީ ގޯސް ފެށުމެއް، ވާހަކަ ގިނަނުކޮށް ކަންކަން ރަނގަޅުކުރަންޖެހޭ: ވިނީޝިއުސް ޖޫނިއާ
ބްރެޒިލުން މެޗު ފެށީ ވަރަށް ގޯސްކޮށް ކަމަށާއި، މޮރޮކޯ އިން ލީޑު ނެގުމުން ޓީމު ޕްރެޝަރަށް ވެއްޓުނު ކަމަށް މެޗުގައި ބްރެޒިލް ސަލާމަތްކޮށްދިން ގޯލު ޖަހައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް ޖޫނިއާ ބުނެފިއެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރުވި މެޗަށްފަހު، ޓީމުގެ ކުޅުމާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ވާހަކަދައްކަމުން ބުނީ ޓީމުން ރަނގަޅަށް ބޯޅަ ހިފަހައްޜައިގެން ކުރިއަށް ކުޅެން ޖެހޭކަމަށެވެ. "އަހަރުމެން މެޗު ފެށީ ވަރަށް ގޯސްކޮށް. މި މެޗުގައި އިދިކޮޅު ޓީމު ކައުންޓަ އެޓޭކެއްގައި ވަރަށް ވަރުގަދަ، ވަރަށް އަވަސް. އެހެންވީމާ މާގިނަ ވާހަކަ ނުދައްކައި އަހަރުމެން ކަންކަން ރަނގަޅު ކުރަން ޖެހޭ،" ވިނީޝިއުސް ބުންޏެވެ. ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި އޭނާގެ 10 ވަނަ ބައިނަލްއަގުވާމީ ގޯލު މިމެޗުގައި ކާމިޔާބުކުރި ވިނީޝިއުސް ބުނީ ކުރިއަށްހުރި މެޗުތަކުގައި ތަފާތު ފެނިގެންދާނެކަމުގެ އުންމީދުކުރާ ކަމަށެވެ. ޓީމުގެ ހެޑް ކޯޗު ކާލޯ އަންޗެލޯޓީ ވެސް ވަނީ މުޅި ޓީމުގެ ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށް އެއްބަސްވެފައެވެ. އެގޮތުން މި ނަތީޖާއާއެކު އެއްވެސް ވަރަކަށް އުފާނުވާ ކަމަށާއި ގިނަ ކަންކަން ދިޔައީ ވަރަށް ގޯސްކޮށް ކަމަށް އަންޗެލޮޓީ ބުންޏެވެ. ގްރޫޕް ސީގެ މި ފޯރިގަދަ ކުރިމަތިލުން ކުރިއަށް ދިޔައީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯއިން ވަރަށް ބޮޑަށް ކޮންޓްރޯލް ނަގައި، ބްރެޒިލްގެ ޑިފެންސް ލައިން ހާސްކަމުގެ ތެރެއަށް ވައްޓާލިއެވެ. ބްރާހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން، މެޗުގެ 21 ވަނަ މިނެޓުގައި އިސްމާއިލް ސައިބާރީ ވަނީ ހުޝިޔާރުކަމާއެކު ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ބޯމަތިން އޮއްސާލައިގެން މޮރޮކޯއަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން މެޗުގެ 32 ވަނަ މިނެޓުގައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ބްރޫނޯ ގިމަރޭސްގެ އެހީތެރިކަމާއެކު، އޭނާ ވަނީ މޮރޮކޯގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ގްރޫޕް ސީގައި ދެން ހިމެނެނީ ހައިޓީ އާއި ސްކޮޓްލޭންޑެވެ. ބްރެޒިލް ދެން ނުކުންނާނީ ހައިޓީއާ ދެކޮޅަށެވެ. އަދި މޮރޮކޯ ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ