ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - ފަހު ވަގުތު ވައްދާލި ގޯލާ އެކު ގަތަރުން ފީފާ ވޯލްޑް ކަޕްގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުން ސްވިޒަލެންޑާ 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ހޯސްޓްކޮށް، އެއްވެސް މެޗަކުން މޮޅެއް ނުލިިބި ކެޓި ގަތަރުން މި ފަހަރުގެ މުބާރާތާ ކުރިމަތިލީ ސްޕެއިންގެ ކޯޗު ހުލެން ލޮޕެޓެގީގެ ކޯޗުކަމުގަ އެވެ. މިއީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުޑަތަންވެފައި އޮއްވައި، ސްޕެއިންގެ ކޯޗުކަމުން ވަކިކުރި ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ގަތަރުން ވޯލްޑް ކަޕްގައި ލިބިގެންދިޔަ ވަރަށް ރަނގަޅު ނަތީޖާ އެކެވެ.
ލިވައިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްވިޒަލެންޑުން ލީޑުނެގީ 17 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބްރީލް އެމްބޯލޯ ޖެހި ގޯލުންނެވެ. މިއީ، ގަތަރުގެ ގޯލްކީޕަރު، މަހުމޫދު އަބޫނާދާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ސްވިޒަލެންޑުގެ ރެމޯ ފްރެއުލާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދިނުމުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ރަނގަޅަށް ނުހިފާ ކަމަށް ގަތަރުން ވަނީ އެޕީލްކޮށްފަ އެވެ.
ދެ ވަނަ ގޯލެއް ޖަހަން ސްވިޒަލެންޑަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއްގައި ބޭނުންނުހިފުނެވެ. އެ ގޮތުން، އޭގެއިން އެއް ފުރުސަތެއްގައި ސްވިޒަލެންޑުގެ ކެޕްޓަން، ގްރޭނިޓް ޝަކާ، އޭރިއާބޭރުން ޖެހި ޝޮޓެއް ކީޕަރު އަބޫނާދާ ވަނީ މަތަކޮށްފަ އެވެ.
ސްވިޒަލެންޑް މޮޅުވާނެ ކަމަށް ބަލައިގެން ހުއްޓައި، އެ ޓީމުގެ ސަމާލުކަން ދަށްވި ވަގުތުގައި، ގަތަރުން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ. މިނިޓްގެ ތެރެއިން ފަސް ވަނަ މިނިޓްގައި، ގަތަރަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ތަޖުރިބާކާރު ފޯވާޑް ގޫލަމް ކޫކީ އެވެ. މިއީ، ހުމާމް އަލް އަމީން ނަގައިދިން ހުރަހަކުން ފުއްމައިގެން އަރައި ކޫކީ ބޮލުން ޖެހި ގޯލެކެވެ.
މިއީ، ގަތަރަށް ފީފާ ވޯލްޑް ކަޕްގައި ލިބިގެންދިޔަ ފުރަތަމަ ޕޮއިންޓެވެ.
މި ނަތީޖާއާ އެކު، ގްރޫޕް ބީގެ ފުރަތަމަ ދެ މެޗު މި ވަނީ އެއްވަރުވެފަ އެވެ. މި ގްރޫޕްގައި ކެނަޑާ އާއި ބޮސްނިއާ އިން ވާދަކުރި މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ސްވިޒަލެންޑް ސިއްސުވާލައި ފަހު ވަގުތު ގަތަރުން ޕޮއިންޓެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ