ގަތަރަށް އަމިއްލަ ފަސްގަނޑުގައި ނުހޯދުނު ޕޮއިންޓް

ހަނދާން އެބަ ހުރި ހެއްޔެވެ؟ އަމިއްލަ ފަސްގަނޑުގައި މީގެ ހަތަރު އަހަރު ކުރިން އޮތް ވޯލްޑް ކަޕްގައި ގަތަރުން، ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ގިނަ ރެކޯޑްތަކެއް ހެދި އެވެ. އެކަމަކު އެއީ ފުލުން ފާހަގަކުރެވޭ ރެކޯޑްތަކެކެވެ.
ގަތަރަކީ ވޯލްޑް ކަޕް ބޭއްވި ގައުމުތަކުގެ ތެރެއިން:
ފުރަތަމަ މެޗުން ބަލިވި ހަމައެކަނި ގައުމު
ދެ މެޗަށް ފަހު މުބާރާތުން ކެޓި ފުރަތަމަ ގައުމު
ގްރޫޕްގެ ތިން މެޗުން ވެސް ފުރަތަމަ ބަލިވި ގައުމު
މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕަށް ގަތަރު ނުކުތީ އެ ނަތީޖާތަކާ އެކު އެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅާގައި ނަން ހިނގާ އެއް ގައުމު ކަމަށްވާ ސްވިޓްޒަލެންޑްއާ ދެކޮޅަށް މިރޭ ކުޅެ 1-1އިން އެއްވަރުކޮށް ވޯލްޑް ކަޕްގައި ފުރަތަމަ ޕޮއިންޓް ހޯދި އެވެ. ވަރަށް ތާރީހީ ޕޮއިންޓެކެވެ.
މިއީ އެއްކޮޅަށް ބުރަވެފައި އޮތް މެޗެކެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްވިޓްޒަލެންޑް އެވެ. އެއީ މުޅި މެޗުގެ %68 އެވެ. ހަމަލާ އުފެއްދުމުގައި ވެސް އެހާމެ ތަފާތެވެ. ޖުމްލަ 26 ހަމަލާ އެވެ. އޭގެ ތެރެއިން ހަތް ހަމަލާ ގޯލަށް އަމާޒުވި އެވެ.
މެޗުގެ 17 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ ބްރީލް އެމްބޮލޯ ކާމިޔާބުކޮށް ސްވިޓްޒަލެންޑަށް ތިން ޕޮއިންޓް ހޯދައިދިނުމުގެ މަގު ފަހުކޮށްދިނެވެ.
މެޗު ނިމެން ދިޔައީ އެ ނަތީޖާގަ އެވެ. އެކަމަކު އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ބޫއާލެމް ކޯކީ ޖަހާލި ރީތި ލަނޑުން މެޗު އެއްވަރުކޮށް، ގްރޫޕް ބީގައި ގަތަަރަށް ޕޮއިންޓެއް ކަށަވަރުކޮށްދިނެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ކެނެޑާ އާއި ބޮސްނިޔާ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އެ ދެ ޓީމު ވެސް ވީ 1-1އިން އެއްވަރެވެ. އެއީ ކެނެޑާއަށް ވެސް ވޯލްޑް ކަޕްގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ