ފަސް ތަރީގެ ބްރެޒިލަށް މޮރޯކޯ ކައިރީ ގަދައެއް ނުވެވުނު

ވޯލްޑް ކަޕްގެ ގުރޫޕް ސީ ގައި، މޮރޮކޯއިން ވަރުގަދަ ބްރެޒިލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
މެޗުގައި މޮރޮކޯއިން ލީޑް ނަގާފައިވަނިކޮށް، ބްރެޒިލުން 1-1 އެއްަވަރު ކުރީ ވެސް ފުރަތަމަ ހާފުގަ އެވެ. 
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފީފާ ރޭންކިންގެ ގަދަ 10 އެއްގެ ތެރޭގައި ހިމެނޭ ދެ ބާރުގެ ކުރިމަތިލުމެކެވެ.
ނަމަވެސް، ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅުނު މުޅިން ވެސް މަޝްހޫރު ތަރިންގެ މައްޗަށް ބިނާވެފައިވާ ބްރެޒިލް ޓީމު، މޮރޮކޯގެ އިން ވަނީ މުޅިން ހާސްކޮށްލާފަ އެވެ.
ފުރަތަމަ ހާފުގެ ބޮޑުބައިގައި މޮރޮކޯ ފެނުނީ މާ ބޮޑަށް ރޭވުންތެރިކޮށް، އަދި ކައުންޓަރ އެޓޭކުތަކުގައި ނުރައްކާ ކުރި ތަނެވެ. ހާއްސަކޮށް އަޝްރަފް ހަކީމީ ވަނީ ބްރެޒިލްގެ ވާތްފަރާތު ޑިފެންސަށް ބޮޑެތި ޕްރެޝަރު ކުރިމަތިކޮށްފަ އެވެ. މެޗުގެ 27 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ، ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ފަސްދީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މޮރޮކޯއިން ލަނޑު ޖެހީ ބްރެޒިލްގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު އުފެއްދި ވަރުގަދަ ހަމަލާއެއްގަ އެވެ. ބްރާހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި، އިސްމާއިލް ސައިބާރީ ވަނީ ބްރެޒިލްގެ ސެންޓްރަލް ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިފަ އެވެ.
ކީޕަރު އެލިސަން ކުރިއަށް އެރި ވަގުތު، ޕީއެސްވީގެ ފޯވާޑް ވަނީ ވަރަށް ހިތްގައިމުކޮށް ކީޕަރު ބޯމަތިން ބޯޅަ އޮއްސާލައިގެން ހުސް ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
މޮރޮކޯގެ ވަރުގަދަ ހައި ޕްރެސިންގް ގޭމްގެ ސަބަބުން، ބްރެޒިލަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ވަރަށް ބޮޑަށް އުނދަގޫވި އެވެ.
އަނިޔާގެ ސަބަބުން، މި މެޗުގައި ނޭމާ އަށް ބައިވެރި ނުވެވުނެވެ. އޭނާ ހުރީ ސްޓޭޑިއަމްގައި ސަޕޯޓަރެއްގެ ގޮތުގައި މެޗު ބަލާށެވެ. 
ބްރެޒިލުން ވަނީ ހިތްވަރު އެލުވާނުލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ވިނީ ޖެހި ގޯލުން، ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބްރެޒިލުން ވަނީ 1-1 އިން ނަތީޖާ އެއްވަރުކޮށްފަ އެވެ.
ބްރެޒިލްގެ ބްރޫނޯ ގިމަރޭސް، މޮރޮކޯގެ ޕެނަލްޓީ އޭރިއާގެ ވާތްފަރާތުން ހުސްކޮށް ހުރި ވިނީޝިއުސްއަށް ބޯޅަ ދިނުމާ އެކު ވިނީ ވަނީ ވަރަށް ހުޝިޔާރުކަމާއެކު މޮރޮކޯގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ. މި ބާރު ހަމަލާ ހުއްޓުވަން މޮރޮކޯގެ ކީޕަރު ޔާސީން ބޫނޫއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.
ދެވަނަ ހާފު ފެށުމުގެ ކުރިން ބްރެޒިލްގެ ޑިފެންސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކޯޗު އަންޗެލޮޓީ ވަނީ ބަދަލުތައް ގެނެސްފަ އެވެ. ކާލޯސް ކަސެމީރޯގެ ބަދަލުގައި ފަބީނިއޯ އަދި ރޮޖާ އިބާނޭޒްގެ ބަދަލުގައި ޑެނީލޯ ކުޅެން ނެރުނެވެ. ހާފު ފެށިގެން ބްރެޒިލުން އަވަސް ތުރޯއިންއަކުން އުފެއްދި ފުރުސަތެއްގައި، ފޯވާޑް އިގޯ ތިއާގޯ ފޮނުވާލި ބާރު ހަމަލާ މޮރޮކޯގެ ކީޕަރު ބޫނޫ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
ބްރެޒިލްގެ ފޯވާޑުންގެ ކުޅުން ބޭނުންވި ވަރާ ގާތަށް ވެސް ނުފެނުނެވެ. އަންޗެލޮޓީ ވަނީ އިގޯ ތިއާގޯ އާއި ލޫކަސް ޕަކެޓާގެ ބަދަލުގައި މެތިއަސް ކޫންޔާ އަދި ލުއިޒް ހެންރީކޭ ކުޅެން ނެރެފަ އެވެ. މޮރޮކޯއިން ވެސް މި ބަދަލުތަކަށް ތައްޔާރުވި އެވެ. މިޑްފީލްޑްގެ ބާރުގަދަކުރަން ބްރާހިމް ޑިއާޒް އާއި އަޒުއްދީން އޫނާހީގެ ބަދަލުގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޝެމްސުއްދީން ތާލްބީ އާއި ސާމިރު އެލް މުރާބިތު ކުޅެން އެރުވި އެވެ.
މި ހާފުގައި ވެސް ވިނީޝިއުސް ފަރާތުން މޮރޮކޯގެ ޑިފެންސަށް ނުރައްކާ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ