ވޯލްޑް ކަޕް 2026: ބްރެޒިލްގެ ފުރަތަމަ މެޗުގައި ނޭމާއަށް ބެންޗުންވެސް ޖާގައެއްނެތް
ފީފާ ވޯލްޑް ކަޕް 2026 ގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް އެޓީމުގެ އެންމެ ބޮޑު ތަރި ނޭމާ ޖޫނިއާއަށް ބެންޗުންވެސް ފުރުސަތު ގެއްލިއްޖެއެވެ. މެޗުގެ ކުރިން ނެރުނު ފުރަތަމަ އެގާރައާއި ޓީމު ލިސްޓުގައިވާ ގޮތުން ނޭމާގެ ނަމެއް ބެންޗުގައިވެސް ނުހިމެނެއެވެ. ނަމަވެސް މީގެކުރިން މީޑިއާ ރިޕޯޓުތައް ބުނިގޮތުން ނަމަ ނޭމާއަަށް ބެންޗުން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އުމުރުން 34 އަހަރުގެ ފޯވާޑަށް މި މެޗުގައި ނުކުޅެވޭނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކުން ސަލާމަތްވުމަށް ބްރެޒިލްގެ މެޑިކަލް ޓީމުން އިތުރު ވަގުތު ބޭނުންވާތީއެވެ. ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ހެދި ޓެސްޓުތަކުން ދައްކާގޮތުގައި، މި އަނިޔާ ކުރިން ހީކުރި ވަރަށްވުރެ ސީރިއަސްއެވެ. އަދި އޭނާ މުޅިން ފިޓްވުމަށް ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭތީ، މުބާރާތުގެ ފުރަތަމަ މެޗުގައި އޭނާއަށް ފުރުސަތު ނުދީ މަޑުޖައްސާލުމަށް ކޯޗިން ސްޓާފުން ވަނީ ނިންމާފައެވެ. މި ބޮޑު ހީނަރުކަމާއެކުވެސް ކޯޗު އަންޗެލޮޓީ ހުރީ ނޭމާގެ ރިކަވަރީއާ މެދު ވަރަށް އުންމީދާއެކުގައެވެ. އޭނާ ހާމަކުރި ގޮތުގައި ނޭމާ މިހާރުވެސް އަންނަނީ ވަކި ހާއްސަ ފިޓްނަސް ޕްރޮގްރާމެއްގެ ދަށުން ބާރަށް މަސައްކަތް ކުރަމުންނެވެ. ނޭމާގެ ކުރީގެ ޕީއެސްޖީގެ އެކުވެރިޔާ އަދި މޮރޮކޯގެ ތަރި އަޝްރަފް ހަކީމީ ވެސް ވަނީ ނޭމާއާ ދެކޮޅަށް ކުޅެން އުންމީދުކުރި ކަމަށާއި، އޭނާއަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ހުރި މޮޅު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ. ނޭމާގެ މި އަނިޔާގެ ސަބަބުން ބްރެޒިލްގެ ސަޕޯޓަރުންނަށް މީގެ ކުރީގެ ވޯލްޑް ކަޕްތަކުގައި އޭނާއަށް ދިމާވި ހިތްދަތި ހަނދާންތައް އާވެގެންދިޔަ ނަމަވެސް، މިފަހަރުގެ އަނިޔާ އެއަށްވުރެ މާ ލުޔެވެ. ގައުމީ ޓީމަށް 128 މެޗު ކުޅެދީ 79 ގޯލު ޖަހާފައިވާ ނޭމާ ނެތްތަން ފޫބެއްދުމަށް ބްރެޒިލްގެ ސްކޮޑުގައި ފުރިހަމަ ކޮލިޓީ އެބައޮތް ކަމަށް އަންޗެލޮޓީ ގަބޫލުކުރެއެވެ. އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުންނަ ވަރުގަދަ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަކީ އަންޗެލޮޓީގެ އާ ބްރެޒިލް ޓީމަށް ބޮޑު އިމްތިހާނަކަށް ވާނެއެވެ. އަދި ނޭމާ ނެތުމުން، އެޓޭކް ލީޑުކުރުމުގެ ބޮޑު ޒިންމާއެއް މިފަހަރު އުފުލަން ޖެހޭނީ ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ