ކަރަންޓަށް ދިމާވި މައްސަލައެއްގައި ކުރެންދޫގެ ގިނަ ގެތަކެއްގެ ކަރަންޓް ސާމާނު ހަލާކުވެއްޖެ

ކަރަންޓް ޝޯޓެއްވެ، ޅ. ކުރެންދޫގެ 10 ވަރަކަށް ގޭގައި ބޭނުންކުރާ ކަރަންޓް ސާމާނުތައް ހަލާކުވެފައިވާ ކަމަށް އެ ރަށު ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކުރެންދޫ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބުރާހީމް މިއަދު ވިދާޅުވީ ކަރަންޓަށް ދިމާވި ސީދާ މައްސަލައެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އެ މައްސަލަ ރަށު ކައުންސިލުން ބަލަމުންދާ ކަމަށެވެ.
"ކަރަންޓަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގޭ. ނަމަވެސް އިއްޔެ ކަރަންޓް ޝޯޓެއް ވުމުގެ ސަބަބުން 10 ވަރަކަށް ގޭގައި ހުރި ގިނަ އަދަދެއްގެ ކަރަންޓް ސާމާނު ވަނީ ހަލާކުވެފައި. ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައި،" އަހުމަދު އިބުރާހީމް ވިދާޅުވި އެވެ.
ކުރެންދޫން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓް ޝޯޓް ވުމުގެ ސަބަބުން ކުރެންދޫން ގިނަ އަދަދެއްގެ ޓީވީ އާއި އައިސްއަލަމާރި އާއި ކޮމްޕިއުޓަރު ފަދަ އަގުބޮޑު ތަކެތި ހަލާކުވެފައިވާ ކަމަށެވެ.
"ރައްޔިތުން މިތިބީ ވަރަށް ހިތް ހަމަ ނުޖެހިފައި. ރޯދަ މަސް މިހާ ކައިރިވެފައި އޮއްވައި ގިނަ އަދަދެއްގެ އައިސް އަލަމާރި އާއި ޓީވީ، ކޮމްޕިއުޓަރު ފަދަ ސާމާނު މިވަނީ ހަލާކުވެފައި،" ކުރެންދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ފަޅުކޮނުމަށް ފަހު މަގު މަގުތަކަށް ވެލިއެޅި އިރު ބައެއް ޑިސްޓްރިބިއުޝަން ފޮށިތަކަށް ވެލި އެޅިފައިވާ ކަމަށާއި މިހާރު ދިމާވެގެން މިއުޅޭ މައްސަލަ ދިމާވީ އޭގެ ސަބަބުން ކަމަށް ބައެއް ރައްޔިތުން ވާހަކަ ދައްކަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ