ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ދެއެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އަތޮޅުުތެރޭގެ ސިއްހީ ޚިދުމަތް ދޭތަންތަނާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އިތުރު ދެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި ފުރަތަމަ ސޮއި ކުރެވުނީ އަތޮޅުތެރޭގެ ހެލްތު ފެސިލިޓީތަކުގެ އައިޓީ މުވައްޒަފުންނަށް އައި.ޓީ ޓްރެއިނިންގް ކޯހެއް ހިންގުމާ ބެހޭ އެއްބަސްވުމެއްގައެވެ. 65،000.00 ރުފިޔާގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ ފޯކަސް އެޑިޔުކޭޝަން ސެންޓަރާއެވެ.
85 ދުވަހުގެ މުއްދަތަކަށް ނިންމަން ހަމަޖެހުނު މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުހައްމަދު ނާޒިމެވެ. ފޯކަސް އެޑިޔުކޭޝަން ސެންޓަރުގެ ފަރާތުން ސޮއި ކުރެއްވީ ސޭލްސް މެނޭޖަރު އައިޝަތު ނިޝާ އެވެ.
މިކޯހަކީ މޯރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް،އޯ) އިން ފަންޑު ދީގެން ރާއްޖޭގެ 10 އަތޮޅެއްގެ ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ މުވައްޒިފުންނަށް ހިންގާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގް ގެ ނެޝަނަލް ސެޓްފިކެޓް 2 ގެ އައި.ޓީ ޓްރެއިނިން ކޯހެއް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.
މިއަދު ދެވަނައަށް ސޮއި ކުރެވުނީ ހއ.އިހަވަންދޫ ހެލްތު ސެންޓަރ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީއާއި ރަޒާ ކޮންޓްރެކްޓިންގ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެވެ.
މިއެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ނާޒިމްެވެ. އަދި ރަޒާ ކޮންޓްރެކްޓިންގ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް އަބްދުއް ރައޫފެވެ.
މިއެއްބަސްވުމުގެ ދަށުން ޢިމާރާތުގެ ކޮންކްރީޓު މަސައްކަތާއި، ރޭނުމާއި، ސިމެތި ޖެހުމުގެ އިތުރުން ހިޔާ ކުރުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ. ޢިމާރާތުގެ މަސައްކަތް ނިމޭ ިރު ޕޯޓިކޯ އަކާއި، ރިސެޕްޝަން އޭރިޔާ އަކާއ، ވެއިޓިންގެ އޭރިޔާ އަކާއި،ލޭބަރ ރޫމަކާއި، 5 އެނދުގެ ވޯޑަކާއި، ޑްރެސިންގް އަދި އިންޖެކްޝަން ރޫމަކާއި، ލޯންޑްރީ އާއި އޮފީސް ބައި، ލެބޯޓްރީއަކާއި އަދި ކޮންސަލްޓޭޝަން ރޫމެއް ހުންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
1،305،338.70 ދިވެހި ރުފިޔާގެ މިއެއްބަސްވުމަކީ 135 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވެވުނު އެއްބަސްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ