މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގެންނެވި މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ދިން ބައިގަޑިއިރުގެ މުހުލަތުގެ ތެރޭގައި މިރޭ ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންފި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ މައުމޫން މިރޭ ވިދާޅުވީ ފުލުސް އޮފީހުގައި ފުލުހުން އެ މަނިކުފާނަށް ސުވާލު ދެންނެވީ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގެންނެވި ސަބަބާ ބެހޭ ގޮތުން ކަމަށާއި އެ ކޮމިޝަނަށް އެ މަނިކުފާނު ހާޒިރު ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތުމުން ހާޒިރުވެ ވަޑައިނުގަތީ ކަމަށް ފުލުހުންނަށް ޖަވާބު ދެއްވި ކަމަށެވެ.
ގާނޫނީ ވަކީލުންނާއި ދެ ދަރިކަލުންނާ އެކު ފުލުހުންގެ މައިމަރުކަޒަށް ވެދެވަޑައިގަތުމަށް ފަހު މައުމޫން ނިކުމެވަޑައިގަތީ އެތެރޭގައި ގާތްގަނޑަކަށް 45 މިނިޓް ހޭދަ ކުރެއްވުމަށް ފަހު އެވެ.
މައުމޫން ވިދާޅުވިގޮތުގައި ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފުރަތަމަ އިންކާރު ކުރެއްވުމާ ގުޅިގެން ފުލުހުން ވަނީ ސުލްހަވެރި ކަމާއެކު ވަޑައިގެން ދެއްވުމަށް އިހުތިރާމާއެކު ތަކުރާރުކޮށް އެ މަނިކުފާނުގެ އަރިހުން އެދިފަ އެވެ.
މައުމޫން ދިރިއުޅުއްވާ މ. އަލިވާގެއަށް އިއްޔެ ފުލުހުންގެ ޗިޓް ދިއުމުން މައުމޫން އެ ޗިޓާ ހަވާލުވެ ވަޑައިގެންނެވީ އެ މަނިކުފާނުގެ ފަރާތްޕުޅުން ޕަވަ އޮފް އެޓާނީއާ އެކު ވަކީލުން ފުލުސް އޮފީހަށް ހާޒިރުވާ ގޮތަށެވެ.
ނަމަވެސް މިއަދު ހައެއް ޖެހި އިރު ވަކީލުން ހާޒިރުވެވަޑައިގަތުމުން ފުލުހުން އަންގާފައި ވަނީ ސީދާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވެވަޑައިނުގެން ތަހުގީގު ކުރިއަށް ގެންދެވެން ނެތް ކަމަށާއި ބައިގަޑިއިރު ތެރޭ އެ މަނިކުފާނު ހާޒިރުވެވަޑައިގެންނެވުމަށް ފުލުހުންގެ ހިމާޔަތް ދޭނެ ކަމަށެވެ. އަދި އެ މުހުލަތުގެ ތެރޭގައި ހާޒިރުވެވަޑައިނުގެންފި ނަމަ ބާރުގެ ބޭނުން ކޮށްގެން ހާޒިރު ކުރާނެ ކަން ފުލުހުން ވަނީ މައުމޫންގެ ވަކީލުންނަށް އަންގާފަ އެވެ.
ބައިގަޑިއިރުގެ މުހުލަތެއް ދިނީ 15: 7 އާ ހަމައަށެވެ.
ފުލުހުން ވަނީ ދައުލަތުން މައުމޫނަށް ހާއްސަ ކޮށްފައިވާ ކާރުކޮޅުގައި އެ މަނިކުފާނުގެ ބޮޑީގާޑުންނާ އެކު އަލިވާގެއަށް ގޮސްފަ އެވެ. ފުލުހުންނާ އެކުގައި މައުމޫން އަލިވާގެއިން ނުކުމެ ވަޑައިގަތީ އޭގެ ގަޑިއެއް ހާއިރު ފަހުންނެވެ.
މައުމޫން ފުލުސް އޮފީހަށް ވަޑައިގެންނެވި އިރު އަރިހުގައި އެ މަނިކުފާނުގެ ދެ ދަރިކަލުން ކަމަށްވާ ފާރިޝް އާއި ޣައްސާން ވަޑައިގަތެވެ. ގާނޫނީ ވަކީލު އަދި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރާއި ގާނޫނީ ވަކީލު މައުމޫން ހަމީދު ވެސް އެ ކާރުކޮޅުގައި ފުލުސް އޮފީހަށް ވަޑައިގަތެވެ.
އަލިވާގެއިން ފުލުސް އޮފީހަށް މައުމޫން ވަޑައިގެންނެވި ކާރުކޮޅާ އެކު ފުލުހުންގެ ވެހިކަލެއް ސައިރެން އަޅަމުން ދިޔަ އެވެ. އަދި ރަޔަޓް ގިއަރުގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ކާރުކޮޅާ އެކު ދުވެފައި ވެސް ދިޔަ އެވެ.
ފުލުސް އޮފީސް ދޮރުމަތިން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފަޔާޒް މައުމޫނަށް މަރުހަބާ ދެންނެވި އެވެ.
ފުލުހުން ވަނީ ޗާނދަނީ މަގު ޖުމްހޫރީ މައިދާން ކަންމަތިން ފެށިގެން ފުލުސް އޮފީސް ސަރަހައްދު ބަންދު ކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ވަރަށް ވަރުގަދަ އަށް ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދިޔަ އެވެ.
ނަމަވެސް ގިނަ އަދަދެއްގެ މީހުން ޖުމްހޫރީ މައިދާން ކައިރިން ޗާނދަނީ މަގަށް އެއްވެ އަޑުގަދަ ކުރަމުން ގެންދިޔަ އެވެ.
މައުމޫން ފުލުސް އޮފީހަށް ވަޑައިގެންނެވި ކާރުކޮޅާއެކު ދަތުރު ކުރި ފުލުހުންގެ އުޅަނދުން ޖެހި، އެއްވެފައި ތިބި މީހުންގެ ތެރެއިން މީހެއްގެ ފައި ބިންދައިގެން ދިޔަ ކަމަށްވެ އެވެ.
މިއަދު ހަވީރުން ފެށިގެން މައުމޫންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަލިވާގެ ދޮށަށް އެއްވަމުން ގެންދިޔަ އެވެ. އެއްވެފައި ތިބި މީހުން އެ ސަރަހައްދުން ފޮނުވާލަން އުޅުމުގެ ތެރޭގައި އާއްމުންނާއި ފުލުހުންނާ ދެމެދު މިރޭ ކުރިމަތިލުންތަކެއް ހިނގި އެވެ. މައުމޫންގެ ސަޕޯޓަރުން އެ ސަރަހައްދު ދޫކޮށް ނުދިއުމުން ފުލުހުން ވަނީ އިންޒާރު ދިނުމަށް ފަހު ކަރުނަ ގޭސް ޖަހައިފަ އެވެ.
އަލިވާގެ ކައިރީގައި ހަރަކާތްތެރިވަމުން ގެންދިޔަ ފުލުހުންގެ ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން މިރޭ ބުނެފައިވެ އެވެ.
55: 22
މީގެ އިރުކޮޅެއް ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ މައުމޫން ވިދާޅުވީ ފުލުސް އޮފީހުގައި ފުލުހުން އެ މަނިކުފާނަށް ސުވާލު ދެންނެވީ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގެންނެވި ސަބަބާ ބެހޭ ގޮތުން ކަމަށެވެ. އަދި އެ ކޮމިޝަނަށް އެ މަނިކުފާނު ހާޒިރު ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތުމުން ހާޒިރުވެ ވަޑައިނުގަތީ ކަމަށް ފުލުހުންނަށް ޖަވާބު ދެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވިގޮތުގައި ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފުރަތަމަ އިންކާރު ކުރެއްވުމާ ގުޅިގެން ފުލުހުން ވަނީ ސުލްހަވެރި ކަމާއެކު ވަޑައިގެން ދެއްވުމަށް އިހުތިރާމާއެކު ތަކުރާރުކޮށް އެ މަނިކުފާނުގެ އަރިހުން އެދިފަ އެވެ.
21: 21
ފުލުހުން މައުމޫނާ ކުރި ސުވާލުތަކާ ބެހޭ މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ. މައުމޫންގެ ވަކީލު އައްބާސް ވިދާޅުވީ އެއްވެސް ކަމެއް ހާމަކުރައްވަން އަދި ބޭނުންވެ ވަޑައިނުގަންނަނަވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ މައުލޫމާތު ދެއްވާނެ ކަމަށެވެ.
ފުލުހުން ވެސް މިކަމާ ބެހޭ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ.
މައުމޫން މިހާރު ވަނީ އަލިވާގެ އަށް ވަޑައިގެންފަ އެވެ. އަދި ޖުމްހޫރީ މައިދާން ކައިރި އަށް އެއްވި މީހުން އެ ސަރަހައްދުން ހިނގައްޖެ އެވެ.
15: 21
މައުމޫންގެ ކާރުކޮޅު މިހާރު ވަނީ ފުލުސް އޮފީސް ކައިރިން ނައްޓާލާފަ އެވެ.
14: 21
ފުލުހުންގެ ބެލުމުގެ ދަށުގައި ފުލުސް އޮފީހަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތުމަށްޓަކައި މައުމޫން ކާރުކޮޅަށް އަރާވަޑައިގެންފި އެވެ.
23: 20
މައުމޫން މިހާރު ވަނީ ފުލުހުންގެ މައި މަރުކަޒަށް ވެދެވަޑައިގެންފަ އެވެ. މައުމޫން ފުލުސް އޮފީހަށް ގެންދިޔަ ކާރާއެކު ގިނަ އަދަދެއްގެ ރަޔަޓް ފުލުހުން ދުވެފައި ދިޔަ އެވެ.
22: 20
މައުމޫން ފުލުހުންނާއެކީ ފުލުސް އޮފީހަށް ވަޑައިގެންފި އެވެ.
16: 20
މައުމޫން ކާރުކޮޅަށް އަރަވަޑައިގެންފި އެވެ.
42: 19
އަލިވާގެ ދޮށުން މީހުން ފޮނުވާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހައިފި އެވެ. މައުމޫން ބަލާ ދިޔަ ކާރު އަލިވާގޭ ދޮރުމަތީގައި އެބަ އޮތެވެ.
36: 19
އަލިވާގެ ދޮށުން އާންމުން ދުރަށް ފޮނުވަން ފުލުހުން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ފަހުގެ އިންޒާރު ދީފި އެވެ.
34: 19
އަލިވާގެ ކައިރީގައި ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތަކެއް އެބަ ހިނގަ އެވެ.
22: 19
މައުމޫނަށް ހާއްސަ ކޮށްފައިވާ ކާރުކޮޅުގައި، އެ މަނިކުފާނުގެ ސެކިއުރިޓީ މީހުންނާއެކު ފުލުހުން ފުލުސް އޮފީސް ކައިރިން ނައްޓާލައިފި އެވެ.
12: 19
ރަޔަޓް ގިއަރު ފުލުހުން އަލިވާގެ ދޮށަށް ހިނގައްޖެ އެވެ. މައުމޫނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދުގައި އެބަ ތިއްބެވެ.
03: 19
އަލްހާން ދެންމެ ވިދާޅުވިގޮތުގައި މައުމޫނަށް ދީފައި ވަނީ ބައިގަޑިއިރުގެ މުހުލަތެކެވެ. ފުލުސް އޮފީސް ސަރަހައްދު ވަނީ އާއްމުންނަށް ނުވަދެވޭނެހެން ބަންދު ކޮށްފަ އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަ ގެންދެ އެވެ.
54: 18
ފުލުހުން ޗިޓު ފޮނުވާފައި ވަނީ މައުމޫނަށް ކަމަށް ވާތީ ހުދު އެ މަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަތުމަށް ފުލުހުން ކުޑަ މުހުލަތެއް ދީފި ކަމަށް މައުމޫންގެ ވަކީލު އައްބާސް ޝަރީފު ދެންމެ ވިދާޅުވެއްޖެ އެވެ.
ފުލުސް އޮފީހުގެ ބޭރުގައި ހުންނަވައިގެން އައްބާސް ވިދާޅުވީ ފުލުހުން ދިން މުހުލަތުގެ ތެރޭގައި ހާޒިރުވެވަޑައިގެންނެވުމަށް އެ މަނިކުފާނަށް ފުލުހުންގެ ހިމާޔަތް އަރުވާނެ ކަމަށް ބުނެފައި ވާކަމަށެވެ. އަދި އެ މުހުލަތުގެ ތެރޭގައި ހާޒިރުވެވަޑައިނުގަންނަވައިފި ނަމަ ބާރުގެ ބޭނުން ކޮށްގެން އެ މަނިކުފާނު ހާޒިރު ކުރާނެ ކަން ފުލުހުން އަންގާފައި ވާކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މައުމޫން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަން މުހުލަތު ދީފައި ވަނީ 15: 7 ހާއިރާ ހަމައަށް ކަމަށްވެ އެވެ.
35: 18
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފުލުހުން ފޮނުވި ޗިޓަށް އެ މަނިކުފާނުގެ ދެ ވަކީލުން 00: 6 ގައި ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ.
މައުމޫންގެ ފަރާތުން ހާޒިރުވެވަޑައިގަތީ އަލްހާން ފަހުމީ އާއި އައްބާސް ޝަރީފެވެ.
އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީދާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަން ފުލުހުން ބޭނުންވެ އެވެ. އަދި ކުރިއަށް އޮތް ބައިގަޑިއެއްހާއިރު ތެރޭގައި މައުމޫން ހާޒިރުވެވަޑައިގަންނަވަން ވަކީލުންނަށް ފުލުހުން ދެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ