ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް  13 މެމްބަރަކު ވަޑައިގެންނެވިއިރު އެންމެ މަދުން މި ފަހަރު ވެސް ޖަލްސާތަކަށް ވަޑައިގެންފައިވަނީ ދ. މީދޫ ދާއިރާގެ މެމްބަރު އަދި ސަން ޓްރެވެލްސްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފި އެވެ.
މަޖިލީހުގެ އިދާރާ އިން އާންމުކުރި މެމްބަރުންގެ މިދިޔަ ދައުރުގެ ހާޒިރީ ރިޕޯޓަށް ބަލާއިރު އެ ދައުރުގައި ބޭއްވި  36 ޖަލްސާ އަށް ވަޑައިގެންފައި ވަނީ އެމްޑީޕީގެ ހަ މެމްބަރަކާއި ޑީއާރުޕީގެ ފަސް މެމްބަރަކާއި ޕީއޭގެ މެމްބަރަކާއި އަދި ގައުމީ ޕާޓީގެ އެއް މެމްބަރެކެވެ. 
ހާޒިރީ ރިޕޯޓަށް ބަލާއިރު، މިދިޔަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގަތުމުގެ ރެކޯޑް ގާއިމްކޮށްފައި ވަނީ، މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ އަބްދުﷲ ޝާހިދު، މިލަންދޫ ދާއިރާގެ އަލީ ރިޒާ، ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރު މޫސާ، ކެލާ ދާއިރާގެ ޑރ. އަބްދުﷲ މައުސޫމް، މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދު، ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު، ގަމު ދާއިރާގެ ޔޫސުފް އަބްދުލް ޣަފޫރު، ތިނަދޫ ދާއިރާގެ މުހައްމަދު ގަސަމް، ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގް ހަސަން، ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހު މުހައްމަދު، ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބު އަދި ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފެވެ.
ދެ ވަނަ އަށް އެންމެ ގިނަ ޖަލްސާތަކަށް ވަޑައިގެންފައިވަނީ ހަ މެމްބަރެކެވެ. އެ ގޮތުން  36 ޖަލްސާގެ ތެރެއިން  35 ޖަލްސާ އަށް ވަޑައިގަތީ ބިލަތްދޫ ދާއިރާގެ އަހުމަދު ހަމްޒާ އާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދާއި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އާއި ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒާއި އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ އާއި ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ އެވެ.
ތިން ވަނަ އަށް އެންމެ ގިނަ ޖަލްސާތަކަށް ވަޑައިގެންނެވީ  10 މެމްބަރެކެވެ. އެއީ  34 ޖަލްސާ އަށް ވަޑައިގެންނެވި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލް ޣަފޫރާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ފުނަދޫ ދާއިރާގެ އަލީ ސަލީމާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން އަބްދުﷲ ހަމީދާއި މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ އާއި މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދާއި ކުޑަހުވަދޫ ދާއިރާގެ އަހުމަދު އާމިރު އަދި ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތޮލިބެވެ.
މިދިޔަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންނަވި މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދު ހާޒިރުވެވަޑައިގެންފައި ވަނީ  36 ޖަލްސާގެ ތެރެއިން އެންމެ  19 ޖަލްސާއަކަށެވެ. ދައުރުގެ  36 ޖަލްސާގެ ތެރެއިން ހަތަރު ޖަލްސާއެއްގައި އޭނާ ޗުއްޓީގައި ހުންނެވިއިރު  13 ޖަލްސާއަކަށް ވަޑައެއް ނުގަންނަވަ އެވެ.
މި ދިޔަ ދައުރުގައި އެންމެ ހާޒިރީ ދަށް ރެކޯޑް ސިޔާމް އަތުގައި އޮތް އިރު މި އަހަރުގެ ފުރަތަމަ ދައުރުގައި ވެސް އެންމެ މަދުން ޖަލްސާތަކަށްވަޑައިގަތީ އޭނާ އެވެ. އެ ގޮތުން އެ ދައުރުގައި ސިޔާމް ހާޒިރުވެ ވަޑައިގެންފައި ވަނީ އެ ދައުރުގެ  28 ޖަލްސާގެ ތެރެއިން  17 ޖަލްސާއަކަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ދެ ވަނަ ދައުރު މިދިޔަ މަހުގެ ނިޔަލަށް ނިންމައި މެމްބަރުން މިހާރު ތިއްބެވީ އެއް މަސް ދުވަހުގެ ޗުއްޓީއެއްގަ އެވެ. މަޖިލީހުގެ އިދާރާ އިން ބުނެފައިވަނީ މިދިޔަ ދައުރަކީ ފާއިތުވި  10 އަހަރަށް ބަލާއިރު އެންމެ ގިނަ ބިލްތައް ފާސްކޮށްފައިވާ އަދި އެންމެ ގިނަ މައްސަލަތައް ވެސް ނިންމާފައިވާ ދައުރު ކަމަށެވެ. އެ ގޮތުން އެ ދައުރުގައި  18 ބިލެއް ހުށަހަޅާފައިވާ އިރު  15 ބިލެއް ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ރެކޯޑްތަކަށް ބަލާއިރު  15 ބިލް މީގެ ކުރިން ފާސްކޮށްފައި ވަނީ  2008 ގަ އެވެ. އެ ކަމަކު އެ ފަހަރު އެ އަދަދަށް ބިލްތައް ފާސްކުރީ މުޅި އަހަރު ތެރޭގަ އެވެ.
    
    13 މެމްބަރަކު ހުރިހާ ޖަލްސާތަކަށް ވަޑައިގެންނެވިއިރު އެންމެ މަދުން ވަޑައިގަތީ މީދޫ ދާއިރާގެ ސިޔާމް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            