ތިކިތަކެއް ހުރި ވޯޓު ކަރުދާސް ބާތިލުކުރުމުން، ވޭވަށު ކައުންސިލުގެ ގޮނޑިއެއް ޕީއެންސީއަށް

ކައުންސިލް އިންތިހާބުގައި މ. ވޭވަށު ދާއިރާއަށް ބޭނުންކުރި ތިން ވޯޓު ކަރުދާހެއްގައި ވަކިކޮށް ދެނެގަނެވޭ ފަދަ ފާހަގަތަކެއް ހުރުމުން އެއީ ބާތިލު ވޯޓުތަކެއް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހު އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލިއިރު ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އީސީން ބަލައިގަތުމުން، އެމްޑީޕީގެ ކެންޑިޑޭޓަށް ދެ ވޯޓުގެ ތަފާތުން ކުރި ލިބުނެވެ. ނަމަވެސް ނަޒީހު ބުނެފައިވަނީ އެ ކަރުދާސްތަކުގައި ވަކިކޮށް ދެނެގަނެވޭ ފަދަ ފާހަގަތައް ހުރުމުން އެއީ ބާތިލު ކަރުދާސްތަކެއް ކަމަށެވެ.
ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ ވޯޓު ކަރުދާހެއްގައި ހުންނަ ފާހަގައަކީ މަތިމަތިން ބަލައިލުމުންވެސް ދެނެގަނެވޭ ފަދަ ފާހަގައެއް ނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން އެ ތިން ވޯޓަކީ ބާތިލު ވޯޓުތަކެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތުވިއެވެ. އެ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ކަރުދާހުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެއެވެ.
ކޯޓުގެ އަގުލަބިއްޔަތު ނިންމުމާ އެއްގޮތަށް، އެ ތިން ވޯޓު އުނިކުރުމަށްފަހު އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން އީސީއަށް ވަނީ އަމުރުކޮށްފައެވެ. މި ބަދަލާއެކު ކުރިން އެމްޑީޕީއަށް ލިބުނު ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ