އަރަބިއްޔާ ސްކޫލް އަޅަން 6.4 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފި

ބާ ޖަމާލުއްދީން އިމާރާތް ހުރި ބިމުގައި ހަދަން ނިންމާފައިވާ އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި 6.4 މިލިއަން ރުފިޔާ ހިމެނުމަށް ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، ބަޖެޓް ފޮތުގައި އަރަބިއްޔާގެ އިމާރާތް އޮތީ ނުހިމަނަ އެވެ. އެކަން ސަމާލުކަމަށް ގެނައުމުން ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ، ބަޖެޓުގައި އެކަމަށް ވަކިން ފައިސާ ހިމެނިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށާއި އެ މަޝްރޫއަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަމަޖައްސާނެ ކަމަށެވެ. އޭގެ ތެރެއިން މިއަދު ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ އަހަރުގެ ބަޖެޓުން 6.4 މިލިއަން ރުފިޔާ އެކަމަށް ކަނޑައެޅުމަށެވެ.
އިތުރަށް ކިޔާލަން - 'އަރަބިއްޔާއަށް ފައިސާ ނެތީ އޮޅުމަކުން؛ 20 މިލިއަން ހިމަނާނެ'
ތަފްސީލު - ބަޖެޓް ކޮމިޓީގެ ފަހު ބައްދަލުވުމުގައި ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޔައުގޫބް މިއަދު ވަނީ އުމްރާނީ ތަރައްގީ ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި ބަޖެޓުގައި ހުރި ބައެއް މަޝްރޫއުތައް އުނިކޮށް، އާ ބައެއް މަސައްކަތްތައް ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.
އެ ހުށަހެޅުންތަކުގެ ތެރޭގައި އަރަބިއްޔާ އިމާރާތް އެޅުމަށް 6.4 މިލިއަން ރުފިޔާ ހިމެނެ އެވެ. ޕީއެސްއައިޕީއަށް ޖުމްލަ 124.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ.
ފަސްމަންޒަރު - ބާޖަމާލުދީން ހުރި ބިމުގައި އަރައްބިޔާ އިމާރާތް އެޅުމަށް، މިދިޔަ ސެޕްޓެމްބަރު މަސް ތެރޭ އަމިން ކޮންސްޓްރަކްޝަނާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. ޑިޒައިން އެންޑް ބިލްޑިން އުސޫލުން އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް 168 މިލިއަން ރުފިޔާ އަށެވެ.
އަރަބިއްޔާގެ އާ އިމާރާތަށް ފައިސާ ހިމަނާފައި ނެތްކަން ހާމަވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ތޯރިގް އެކަން ސޯޝަލް މީޑިއާގައި އާންމުކުރެއްވުމުންނެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.
ގުޅުން ހުރި - ކޮމިޓީން ފާސްކޮށްފައި ވަނީ، މަޖިލީހަށް ހުށަހަޅާފައިވާ 42.68 ބިލިއަން ރުފިޔާގެ ބަޖެޓަށް 160.9 މިލިއަން ރުފިޔާ އިތުރުކުރުމަށެވެ. އެއާއެކު ބަޖެޓް ކޮމިޓީން ފާސްކުރީ، އަންނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޕީއެސްއައިޕީގެ އިތުރުން ދެން ބަޖެޓަށް އިތުރުކޮށްފައި ވަނީ، އޮފީސްތަކުގެ ބަޖެޓަށް 36.05 މިލިއަން ރުފިޔާ އެވެ. އެއީ:
ރައްޔިތުންގެ މަޖިލީހުގެ އިދާރާ: 5.3 މިލިއަން ރުފިޔާ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: 8 މިލިއަން ރުފިޔާ
ސިވިލް ސާވިން ކޮމިޝަން: 2.5 މިލިއަން ރުފިޔާ
ހިއުމަން ރައިޓްސް ކޮމިޝަން: 1.03 މިލިއަން ރުފިޔާ
އެންޓި ކޮރަޕްޝަން ކޮމިޝަން: 3.14 މިލިއަން ރުފިޔާ
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް: 1.23 މިލިއަން ރުފިޔާ
މީރާ: 1.34 މިލިއަން ރުފިޔާ
ބްރޯޑްކާސްޓިން ކޮމިޝަން: 420،645ރ.
ޓެކްސް އެޕީލް ޓްރަބިއުނަލް: 182،617ރ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ: 2.46 މިލިއަން
އިސްލާމިކް ޔުނިވާސިޓީ: 480،370ރ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު: 4.8 މިލިއަން ރުފިޔާ
ހާއްސަ ބަޖެޓް: 5 މިލިއަން ރުފިޔާ (ކެޕިޓަލް ކޮންޓްރިބިއުޝަން - އާސަންދަ ކޮމްޕެނީ)
ހާއްސަ ބަޖެޓް: 161،636 (ބަޖެޓްގެ ޖުމްލަ އަދަދު ބަދަލުވުމުން ސިޔާސީ ޕާޓީތަކަށް އިތުރުވި ފައިސާ)
ކިޔާލަން - 160 މިލިއަން އިތުރުކޮށް 2023ގެ ބަޖެޓް ކޮމިޓީއިން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ