އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ތުލްސީ ގެބާޑް އިއްޔެ އިއުލާނު ކުރައްވައިފި އެވެ.
އޭނާ މަގާމުން ވަކިވެވަޑައިގަންނަވަނީ ފިރިކަލުންނަށް މަދުން ނޫނީ ނުފެންނަ ކަށީގެ ކެންސަރެއް ޖެހުމުންނެވެ.
އެކްސް މެދުވެރިކޮށް އާންމުކުރެއްވި އިސްތިއުފާގެ ސިޓީގައި ގެބާޑް ވިދާޅުވީ، ގިނަ ވަގުތު ހޭދަވާ އަދި ޒިންމާ ބޮޑު މި މަގާމުގައި ހުރެ، ފިރިކަލުން އެކަނި މި ބައްޔާ ހަނގުރާމަކުރަން ދޫކޮށްލުމަކީ އޭނާގެ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. ގެބާޑްގެ އިސްތިއުފާއަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގެބާޑް އަދާކުރެއްވީ ފާހަގަކޮށްލެވޭ ފުރިހަމަ މަސައްކަތެއް ކަމަށް ވިދާޅުވެ، އާއިލާއަށް ވަގުތު ދިނުމަށް އޭނާ ނިންމެވި ނިންމެވުމަށް ތާއީދުކުރައްވާފަ އެވެ. މީގެ އިތުރުން، އެ އިދާރާގެ ވަގުތީ ވެރިއެއްގެ ގޮތުގައި ޕްރިންސިޕަލް ޑެޕިއުޓީ ޑިރެކްޓަރު އޭރޮން ލޫކަސް ހަމަޖައްސަވާފައިވާކަން ވެސް ޓްރަމްޕް އިއުލާނު ކުރެއްވި އެވެ.
ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާ ގޮތުން ގެބާޑްގެ ވަކިވުމަކީ ވައިޓް ހައުސްގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާ ވެސް ގުޅުންހުރި ކަމެކެވެ. ރޮއިޓާސްއާ ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި، އޭނާ މަގާމުން ވަކިކުރީ ވައިޓް ހައުސްގެ ނުފޫޒުންނެވެ. އަދި އީރާނުގެ މައްސަލަތަކާއި އިންޓެލިޖެންސް ދާއިރާގެ އިސްލާހީ ބަދަލުތަކާ މެދު އޭނާ ގެންގުޅުއްވި ސިޔާސަތުތަކަށް ސަރުކާރުގެ ބައެއް އޮފިޝަލުން އިއުތިރާޒުކުރެއްވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ހަވާއީއަށް ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ކޮންގްރެސް މެންބަރެއް ކަމަށްވާ ގެބާޑް، ފަހުން ވަނީ ރިޕަބްލިކަން ޕާޓީއާ ގުޅިވަޑައިގެން 2024 ވަނަ އަހަރު ޓްރަމްޕަށް ތާއީދުކުރައްވާފަ އެވެ. މަގާމުގައި ހުންނެވި މުއްދަތުގައި ރަޝިޔާ އާއި ސީރިއާގެ އިތުރުން އެމެރިކާގެ ޖާސޫސީ ސިޔާސަތުތަކާ މެދު އޭނާ ގެންގުޅުއްވި ވިސްނުންތަކުގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސެނެޓަރު މާކް ވޯނާ ވިދާޅުވީ، ނޭޝަނަލް އިންޓެލިޖެންސްގެ ޑައިރެކްޓަރުގެ މަގާމަކީ އެތެރޭގެ ސިޔާސީ ކަންކަމުގެ ބަދަލުގައި، ބޭރުގެ ޖާސޫސީ މައުލޫމާތުތަކަށް އިސްކަންދޭ، މިނިވަން އަދި ތަޖުރިބާކާރު މާހިރަކު ހުންނަވަންޖެހޭ މަގާމެއް ކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސް ވެރިޔާ ތުލްސީ ގެބާޑް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ