ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ތިންވަނަ ފަހަރަށް ދަންމާލައިފި އެވެ.
އެންމެ ފުރަތަމަ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި މާޗު 4، ގެ 23:59 ކަނޑައަޅާފައި އޮތްއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނެ ކަމަށް އޮތީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށެވެ.
އޭގެ ފަހުން އެޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ފަހު މެއި މަހުގެ ނިޔަލަށް ވެސް ސުންގަޑި ދަންމާލި އެވެ.
މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުން ޖޫން 15، ގެ ނިޔަލަށް އެ މުއްދަތު ދަންމާލީ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތުމާއި ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ ބަޔަ ޝަކުވާ ކުރަމުން އަންނާތީ އެވެ.
ބިމާއި ފްލެޓަށް ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ބޯހިޔާވަހިކަން އެންމެންނަށް ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން ފޯމު ފުރާނެ ގޮތާއި އީ-ފާސް ވެރިފިކޭޝަން ހަދާނެގޮތް ވެސް ޕޯޓަލް މެދުވެރިކޮށް ބެލޭނެ ވީޑިއޯއެއް ވަނީ ހިމަނާފަ އެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތަކާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސް އަދި އެހެނިހެން މުއައްސަސާތައް ވެސް ހިމެނެ އެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ޖޫން 15، ގެ ނިޔަލަށް ދަންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ