ގަޑިއެއްހާއިރު ފަހުން މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައިފި
މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން އެކި ހިސާބުތަކަށް މަޑުމަޑުން ކަރަންޓު ދޫކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މުޅި މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:00 އެހާކަންހާއިރެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ސްޓެލްކޯއިން ބުނީ، ހުޅުމާލެއާއި މާލޭގެ އިންޖީނުތައް ހިންގަމުން، އެކި ހިސާބުތަކަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ. އެކަމަކު، އަދިވެސް ބޮޑު ބަޔަކަށް ކަރަންޓު ނުލިބޭކަން ފާހަގަކޮށްލެވެއެވެ. ސްޓެލްކޯއިން ވަކި އެއްޗެއް ނުބުނާތީ ކަރަންޓު ކެނޑުނީ ކީއްވެ ކަމެއް ނޭނގެއެވެ. https://sun.mv/222401 ސްޓެލްކޯއިން 12:30 އެހާކަންހާއިރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މައްސަލަ ދެނެގަނެ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެއެވެ. ސްޓެލްކޯއިން މިއަދު ވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތް، މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވުނުކަން އިއުލާނުކޮށްފައެވެ. އެ ކުންފުނިން ހެނދުނު ބުނީ، މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ. މީގެ ކުރިން ވެސް މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ވަރަށް ގިނައިން ކަރަންޓު ކެނޑިފައިވެއެވެ. https://sun.mv/210242 އެކަމަކު، އާންމުކޮށް ކަރަންޓު ކެނޑެނީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ. އެ ގެއްލުންވާ ކޭބަލް ރަނގަޅުކުރުމަށް ފަހު، މާ ގިނައިރުތަކެއް ނުވެ ސްޓެލްކޯއިން އެ ސަރަހައްދަކަށް ކަރަންޓު ދެއެވެ. މީގެ ކުރިން މިދިޔަ އަހަރު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ގޮސްފައިވެއެވެ. އެ ގޮތުން، އެ ފަހަރު އެ މައްސަލަ ތަހުގީގުކުރަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިއެވެ. އެކަމަކު، އެ ކަމުގެ އަދާހަމައެއް ފަހުން ނުލިބެއެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑެނީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. މާލެއާއި ހުޅުމާލެއަކީ އެތައް ލައްކަ މީހުންނެއް ދިރިއުޅޭ ސަރަހައްދެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ މި ސަރަހައްދުގައެވެ. އަދި، ވެރިކަން ކުރާ ރަށް ކަމުން މިއީ ސަލާމަތީ ގުޅުންހުރި މުހިންމު ކަމެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ