ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންއަށް
ދުނިޔޭގެ ވޮލީބޯޅައިގެ ރޭންކިންގައި ފުރަތަމަ ފަހަރަށް ހިމެނި، ދިވެހިރާއްޖޭގެ ކުޅިވަރު ތާރީހުގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ބޮޑު، ތާރީހީ ކާމިޔާބީއެއް ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ހޯދައިފިއެވެ. ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން އެންމެ ފަހުން އާންމުކުރި ދުނިޔޭގެ ސީނިއާ އަންހެން ޓީމުތަކުގެ ރޭންކިންގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ނަން ހިމެނުނީ މިހާރު ނޭޕާލުގައި ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗާއެކު އެވެ. މި މެޗުން ރާއްޖެ ވަނީ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. ނަމަވެސް ދިވެހި ޓީމުން ފުރަތަމަ ސެޓާއި ތިންވަނަ ސެޓުގައި ދެއްކި ހިތްވަރު ފާހަގަކޮށްލެވެއެވެ. މެޗުގެ ސެޓުތައް ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-19، 25-16 އަދި 25-22 އިންނެވެ. މި މުބާރާތަކީ އެފްއައިވީބީން ބަލައިގަންނަ ރޭންކިން މުބާރާތެކެވެ. އެއާއެކު މިއީ ރާއްޖޭގެ ވޮލީގެ ތާރީހުގައިވެސް، ބައިނަލްއަގުވާމީ ރޭންކިންގައި ގައުމީ އަންހެން ޓީމު ހިމެނުނު ފުރަތަމަ ފަހަރެވެ. އެފްއައިވީބީގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، ރާއްޖޭގެ އަންހެން ޓީމު މިހާރު އޮތީ ޖުމްލަ 52 ޕޮއިންޓާ އެކު ދުނިޔޭގެ 63 ވަނަ ރޭންކުގައެވެ. ސަން އާއި ވާހަކަދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މުބާރާތްތަކުގެ އިތުރުން ވޯލްޑް ރޭންކިންއަށް ބެލުމަށްފަހު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ މުބާރާތްތަކުންވެސް ދެން ކޮލިފައިވެވޭނެ ކަމަށެވެ. މީގެއިތުރުން މި ރޭންކިން މިގޮތުގައި ހިފެހެއްޓިއްޖެ ނަމަ 2028 ގެ އޭޝިއަން ގޭމްސްއަށް ރާއްޖެ ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، އެހެންކަމުން ރޭންކިން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އެފްއައިވީބީން ދާދިފަހުން ނެރުނު ރޭންކިންގައި އަލަށް ހިމެނުނު ސެންޓްރަލް ޒޯނުގެ ތިން ގައުމު ކަމަށްވާ ރާއްޖެ، ނޭޕާލް އަދި ބަންގްލަދޭޝް-- މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ރާއްޖެއާއެކު ދާދިފަހުން ރޭންކިންއަށް ބޮޑު ކުރިއެރުމެއް ހޯދި ނޭޕާލް 54 ޕޮއިންޓާ އެކު 60 ވަނައިގައި އޮތްއިރު، ބަންގްލަދޭޝް އޮތީ 46 ޕޮއިންޓާ އެކު 67 ވަނައިގައެވެ. މި ތާރީހީ ކާމިޔާބީގެ ފަހަތުގައިވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އަންހެން ޓީމުން ސަރަހައްދީ މުބާރާތްތަކުގައި ދެއްކި މޮޅު ކުޅުމާއި ހޯދި ކާމިޔާބީތަކެވެ. ހާއްސަކޮށް، ސެންޓްރަލް ޒޯން ނުވަތަ ކާވާގެ މުބާރާތްތަކުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ގަދަ ހިތްވަރެއް ކޮށްފައެވެ. ދުނިޔޭގެ ވޮލީގެ ރޭންކިން ލިބޭ ގޮތަށް ބަލާއިރު މީގެ ކުރިން ބޮޑެތި މުބާރާތްތައް ނިމުމުން އެވްރެޖްކޮށް ހަދާ ރޭންކިންގެ ބަދަލުގައި، މިހާރުގެ ސިސްޓަމަކީ ކޮންމެ ރަސްމީ މެޗަކަށް ފަހު ވަގުތުން ޕޮއިންޓަށް ބަދަލު އަންނަ ސިސްޓަމެކެވެ. ރޭންކިން ޕޮއިންޓް ބެލުމުގައި މެޗު ކާމިޔާބުކުރި ގޮތުގެ ނަތީޖާއަށް ވަރަށް ބޮޑަށް ބަލައެވެ. މިސާލަކަށް 3-0 ނުވަތަ 3-1 ސެޓުން މެޗެއް ކާމިޔާބުކުރުމުން ލިބޭ ޕޮއިންޓް ގިނަވާނެއެވެ. އަދި ބަލިވާ މެޗުތަކުން ޕޮއިންޓް އުނިވެސް ވާނެއެވެ. މީގެ އިތުރުން، ރޭންކިންގައި މެޗުތަކަށް ޕޮއިންޓް ދިނުމުގައި އެ މުބާރާތެއްގެ ފަންތިއަށް ވެސް ބަލައެވެ. އޮލިމްޕިކްސް އަދި ވޯލްޑް ޗެމްޕިއަންޝިޕް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކަށް އެންމެ މަތީ ޕޮއިންޓް ލިބޭއިރު، ސަރަހައްދީ އަދި ޒޯން އެސޯސިއޭޝަންތަކުގެ ރަސްމީ މުބާރާތްތަކަށް ވަކި އަދަދެއްގެ ޕޮއިންޓު ވަނީ ކަނޑައަޅާފައެވެ. އެފްއައިވީބީގެ ގަވާއިދަށް 2025 އަދި 2026 ވަނަ އަހަރު ގެނައި ބަދަލުތަކުގެ ދަށުން، ރާއްޖެ ކުޅޭ ކާވާ ޒޯނަލް މުބާރާތްތަކަށް ރަސްމީކޮށް 20.0 އާއި 30.0 އާ ދެމެދުގެ ޕޮއިންޓު ދޭން ފެށުމަކީ ރާއްޖެ ފަދަ ގައުމުތަކަށް ރޭންކިންއަށް އެރުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ އަންހެން ވޮލީ ޓީމުން ދުނިޔޭގެ ރޭންކިންއަށް ވަނުމަކީ އަންހެން ވޮލީ ކުރިއެރުވުމަށް މިހާރުގެ ވޮލީބޯލް އެސޯސިއޭޝަނުގެ އެކްސްކޯއަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ