އެމްޑީޕީއަށް 2023 ގެއްލުނު އެންމެ ބޮޑު ސަބަބަކީ ސޯލިހުގެ މަގުބޫލުކަން ކުޑަވުން: ނަޝީދު

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަގުބޫލުކަން ކުޑަވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ނަޝީދު ގެންދަވަނީ އެ މަގާމަށް ވާދަކުރައްވަމުންނެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރެއްވި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއިދުކުރައްވަނީ އެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށެވެ. 
ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓު، "އެމްއެން އަންއޮފިޝަލް" އެކައުންޓުން ވަނީ ސޯލިހުގެ މަގުބޫލުކަން ކުޑަވުމަކީ 2023 އެ ޕާޓީއަށް ގެއްލުނު ސަބަބު ކަމަށް ވިދާޅުވެފަ އެވެ. ނަޝީދުގެ ރަސްމީ އެކައުންޓުން އެ ޓްވީޓު ވަނީ ރިޕޯސްޓުވެސް ކޮށްފަ އެވެ. 
ރިޔާސީ އިންތިހާބުގައި ސޯލިހުއަށް ލިބިވަޑައިގަތީ  109،868 ވޯޓެވެ. އެއީ އެއީ ވޯޓުގެ 45.96 ޕަސެންޓެވެ. ވޯޓު ކާމިޔާބު ކުރައްވައި 2023 ގެ ނޮވެމްބަރުގައި ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް މުހައްމަދު މުއިއްޒުއަށް އެ ފަހަރު ލިބިވަޑައިގެންފައިވަނީ 129،159 ވޯޓެވެ. އެއީ ވޯޓުގެ 54.04 ޕަސެންޓެވެ.
ފުރަތަމަ ބުރުގައި މުއިއްޒު46 ޕަސެންޓު ވޯޓު ހޯއްދެވިއިރު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓު ވޯޓެވެ. ނަޝީދު އޭރު ހުންނެވި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބަށް 15،839 ވޯޓާއެކު ހަތް ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި އިންތިހާބު ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބަކީ އިލްޔާސް ވާދަކޮށް އެމްޑީޕީގެ ވޯޓުތަކެއް ގެއްލިގެން ދިޔުމެވެ.  ނަމަވެސް، ނަޝީދު އެގޮތަށް ދެކެވަޑައެއްނުގަންނަވަ އެވެ. 
"އިލްޔާސަށް ލިބުނު ހުރިހާ ވޯޓެއް ރައީސް ސޯލިހަށް ލިބޭނެ ކަމަށް ދެކުމަކީ ކުށް ހީއެއް. އެއަށް ވުރެ ބޮޑަށް ބެލެވެނީ އިންތިހާބު މުއިއްޒު އެއްބަރުން ކާމިޔާބު ކުރައްވާނެ ކަމަށް،" ނަޝީދު މިއަދު ވިދާޅުވި އެވެ. 
އެމްޑީޕީގެ އެއް ބާނީ ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ސޯލިހާ ޖެހުނު ސިޔާސީ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް ޖޫން 21، 2023 ގަ އެވެ. އެއިރު އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރައްވަނީ އެވެ. އެމަނިކުފާނު ޑިމޮކްރެޓްސްއާ ގުޅިވަަޑައިގަތީ ޖުލައި 13، 2023 ގަ އެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ