މި ސަރުކާރުގެ ’ބޯހިޔާވަހިކަން އެންމެންނަށް‘ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މި ސަރުކާރުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިއިރު ބިމަށް އެޕްލައިކުރުމުގެ ފުރުސަތު ދިނީ މާޗު 4ގެ ނިޔަލަށެވެ. ފްލެޓަށް އެޕްލައިކުރުމުގެ ފުރުސަތު ދިނީ އޭޕްރީލް 17 ގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ އޭޕްރިލް 13 ވަނަ ދުވަހު އެ މުއްދަތު މި މެއި މަހުގެ 23:59 އަށް ދަންމާލި އެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް މިހާރު ދީފައިވާ ސުންގަޑިއަކީ ޖޫން 15 އެވެ.
އެކަން އިއުލާންކޮށް ހައުސިން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ، ޖޫން 15ގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ދަންމާލީ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތުމާއި ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާ ކަމަށް ބުނެ ގިނަ ބަޔަ ޝަކުވާ ކުރަމުން އަންނާތީ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި، އަދި މާލޭގެ ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ހިމެނެއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާ އިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފި، މިފަހަރު ޖޫން 15ގެ ނިޔަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ