އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި: ޝަހީދުވި މީހުންގެ އަދަދު 3،100 އަށްވުރެ މައްޗަށް

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ހޮނިހިރު ދުވަހު ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މީގެ ކުރިން ދިން ހަމަލާތަކުގައި 10 މީހަކު ޝަހީދުވެފައިވާއިރު، އަލަށް ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސީރިއާގެ ބޯޑަރު ކައިރީގައިވާ ސަރަޙައްދުތަކަށާއި ލުބުނާނުގެ ދެކުނުގެ އަވަށްތަކަށެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭ މެންދަމުގެ ވަގުތެއްގައި އިސްރާއީލުން ވަނީ ބްރިޓަލްގެ އަރިމަތީގައިވާ ނަބީ ސްރެއިޖް ފަރުބަދަމަތީ ސަރަޙައްދަށް ފަސް ހަމަލާއެއް ދީފައެވެ. މިއީ މިދިޔަ އޭޕްރީލް 17 ގެ ފަހުން އެ ސަރަޙައްދަށް ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ދެކުނު ލުބުނާނުގެ ނަބަޠިއްޔާގެ ޔޮހްމޯރް އަލް-ޝަޤީފް އަދި މަރްޖަޔޫންގެ ތައިބާ އަވަށްތަކުގައި ވަރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
މި ހަމަލާތަކުގައި އާންމު ޚިދުމަތްދޭ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ތަބްނީން ހޮސްޕިޓަލް ކައިރިއަށް ދިން ހަމަލާއެއްގައި، އެ ހޮސްޕިޓަލުގެ ތިން ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އެމަރޖެންސީ ރޫމާއި، އައި.ސީ.ޔޫ އަދި އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން ބޭރުގައި މަޑުކޮށްފައި އޮތް އެމްބިއުލާންސްތަކަށް ލިބުނު ގެއްލުންތައް ހިމެނެއެވެ.
އިސްރާއީލު ސިފައިން ވަނީ ހުކުރު ދުވަހުގެ ރޭގަނޑުން ފެށިގެން ދެކުނު ލުބުނާނުގެ ބައެއް ސަރަޙައްދުތަކުން މީހުން ހުސްކުރުމަށް ދެ ފަހަރެއްގެ މަތިން މަޖުބޫރުކޮށްފައެވެ. އަލްޖަޒީރާގެ ރިޕޯޓަރު އޮބައިދާ ހިއްޓޯ ސޫރު (Tyre) ސިޓީން މައުލޫމާތު ދިން ގޮތުގައި، އިސްރާއީލުން ނުރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުގައި ގިނަ އަދަދެއްގެ އެމްބިއުލާންސްތަކާއި ރެސްކިއު ޓީމުތައް ހަރަކާތްތެރިވަމުންދެއެވެ. އަދި ގެދޮރު ދޫކޮށްދާން މަޖުބޫރުކުރި އަމުރާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ސަރަޙައްދު ދޫކޮށް ރައްކާތެރި ތަންތަނަށް ހިޖުރަކުރަމުންނެވެ.
ގިނަ ބަޔަކު ގެދޮރު ދޫކޮށް ދިޔައީ ނުހަނު ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައެވެ. އެމީހުން ދެކޭގޮތުގައި މިއީ ސީދާ އެމީހުންނަށް ދެވޭ އިންޒާރެކެވެ. ރިޕޯޓަރު ހިއްޓޯ ސިފަކުރި ގޮތުގައި، މިއީ އިސްރާއީލުން ދެކުނު ލުބުނާނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ނަފްސާނީ ގޮތުން ބިރުދެއްކުމުގެ (Psychological terror) ވަރަށް އަނިޔާވެރި ޢަމަލުތަކެކެވެ.
މާރިޗު 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރި ފަހުން މިހާތަނަށް 3،100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުއްވި ނަމަވެސް، އިސްރާއީލުގެ ހަމަލާތައް ދަނީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަމުންނެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޝަހީދުވި މީހުންގެ ތެރޭގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ 123 މުވައްޒަފުންނާއި، 210 އަށްވުރެ ގިނަ ކުޑަކުދިންގެ އިތުރުން ގާތްގަނޑަކަށް 300 އަންހެނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ