ޑައިވަރުންގެ ފޯނުތައް ތަހުގީގަށް އިޓަލީއަށް ގެންގޮސްފި

ވ. އަލަމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މޯބައިލް ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނު، އިތުރު ތަހުގީގުތަކަށް އިޓަލީއަށް ގެންގޮސްފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މީހުން މަރުވުމަށް މެދުވެރިވި ސަބަބު ހޯދަން ޖިނާއީ ތަހުގީގެއް ފަށާފައެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި ޑައިވަރުންގެ މޯބައިލް ފޯނުތަކާއި، އެ ނޫން ވެސް އިލެކްޓްރޯނިކް ސާމާނުތައް އިޓަލީގެ ޖެނޯއާ ފްލައިން ސްކޮޑުން ވަނީ ތަހުގީގަށް ނަގާފައެވެ. ރޯމްގެ ޕްރޮސެކިއުޓަރުން އިސްވެ ތިބެ ކުރިއަށްގެންދާ މި ތަހުގީގަށް މި ތަކެތި އިޓަލީއަށް ގެންގޮސްދިނީ، މަރުވި ޑައިވަރުންނާ އެކު އެއް ސަފާރީއެއްގައި ދަތުރުކުރި ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ސްޓެފާނޯ ވެނިން ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ފިންލޭންޑުގެ ރެސްކިއު ޓީމުން ހޯދި ޑައިވަރުންގެ ގޯޕްރޯ ކެމެރާތަކާއި ޑައިވް ކޮމްޕިއުޓަރުތައް ހޯދުމަށް ވެސް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން އެދިފައިވާ ކަމަށް ނޫސްތަކުގައިވެއެވެ. މިހާރު މާލޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތިން، ޑައިވަރުން ދިޔަ ފުންމިނާއި، ހޭދަވި ވަގުތާއި، ވައި ބޭނުންކުރި މިންވަރުގެ އިތުރުން ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފުޓޭޖު ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. https://sun.mv/222394 މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯނޭއާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން ރިސާޗަރު މިއުރިއެލް އޮޑެނީނޯ، ރިސާޗް އެސިސްޓެންޓް ފެޑެރީކޯ ގުއަލްޓިއޭރީ އަދި އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީއެވެ. މި މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރޭގައި އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވެސް ވަނީ މަރުވެފައެވެ. މަރުވި ޑައިވަރުންގެ ހަށިގަނޑުތައް ހޯދާފައިވަނީ ޑޭން ޔޫރަޕްގެ ފަރާތުން ހަރަކާތްތެރިވި ފިންލޭންޑުގެ ކޭވް ރެސްކިއު ތަޖުރިބާކާރުން ކަމަށްވާ ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޯންކްވިސްޓް އަދި ޖެނީ ވެސްޓަލަންޑް ހިމެނޭ ޓީމަކުންނެވެ. https://sun.mv/222336 އެ މީހުން އަމިއްލަ އިހުތިޔާރުގައި ހޮހަޅައިގެ އެތެރެއަށް ވަދެ، ނުކުންނަން އުޅުމުގެ ތެރޭގައި މަގު އޮޅިގެން ބަންދުވެފައިވާ ދިމާލަކަށް ދެވުމުން ތާށިވީ ކަމަށް ރެސްކިއު ޓީމުން ލަފާކުރެއެވެ. ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، ހޮހަޅައިގެ އެތެރޭގައި އޮތް ވެލިގަނޑެއްގެ ސަބަބުން ފެނުމަށް އޮޅުންތަކެއް އަރައި، ނުކުންނަން އޮތް މަގު ކަމަށް ހީކޮށް ޑައިވަރުންނަށް ވަދެވުނީ ބަންދުވެފައިވާ މަގަކަށެވެ. ހަތަރު ޑައިވަރެއްގެ ހަށިގަނޑު ފެނިފައިވަނީ އެއްތަނަކުން ކަމަށްވުމުން، އެންމެންނަށް ވެސް މަގު އޮޅުނީ ކަމަށް ބެލެވެއެވެ. ނަމަވެސް، ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ފުރަތަމަ ބައިންނެވެ. މި ހާދިސާގައި މަރުވި ޑައިވަރުންގެ ހަށިގަނޑުތައް އިޓަލީއަށް ގެންދިއުމަށްފަހު އޮޓޮޕްސީ ހަދަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ޑައިވް ކޮމްޕިއުޓަރުތަކާއި ކެމެރާތަކުން ލިބޭ މައުލޫމާތުގެ އަލީގައި މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމުގެ މަސައްކަތް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ