އެކަކު އަނެކަކު މުޅި ދިރިއުޅުން ހަލާކުކުރި ވާހަކަ ދައްކަވާފަ މިހާރު ތިން ރައީސުން ތިބީ އެއް ގަލެއްގަ ފެހި ކަހަން: ޝުޖާއު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އއ. ތޮއްޑޫ ކައުންސިލްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނަށް ”އަސްލު ޚިޔާނާތްތެރިވީ“ ޕީއެންސީގެ މެންބަރުން ނޫން ކަމަށާއި، އެއީ އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. މިގޮތުން ޚާއްޞަކޮށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ ނަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނާ މުއާމަލާތް ކުރަން ޖެހެނީ ޖަމީލް މެދުވެރިކޮށް ކަމަށާއި، އެ ދުވަސްވަރު އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރުމަށްވެސް އެދިފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔެކިޔުންތައް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެންސީގެ މެންބަރުންނަކީ އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށާއި، އެފަދަ މަޝްވަރާތަކެއް ކުރެވުނު ނަމަ އެކަމެއް ކުރެއްވީ ސީދާ ރައީސް ޔާމީން ކަމަށްވެސް ޝުޖާއު ތުހުމަތުކުރެއްވިއެވެ.
މި ޖަލްސާގައި ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ބައެއްގެ ނުފޫޒުގައި ޖެހިވަޑައިގެން ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރުމަށް ބަޔަކު މީހުން ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ޚާއްޞަކޮށް ޓިކްޓޮކް ފަދަ މަންސަތަކުން ފެންނަ ވީޑިއޯތަކަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަން ނިކުމެ ތިބެ، އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް އޮޅިގެން ”ޔާމީން ހައްޔަރުކުރަން“ ގޮވާލެވުނު މަންޒަރު ފެނިފައިވާ ކަމަށެވެ. މިއީ އެ ބޭފުޅުންގެ ހިތުގައި ރައީސް ޔާމީނަށް އޮތް އިޚްލާޞްތެރިކަން ހުރި މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޕީއެންސީގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީއާއެކު އެއްވެސް ކަހަލަ ސިޔާސީ މުއާމަލާތެއް ނުވަތަ ގުޅުމެއް ބޭއްވުމަކީ ޕީއެންސީގެ އަސާސްތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ ކަމަކަށް އެ ޕާޓީން ދުވަހަކުވެސް ފުރުޞަތު ނުދޭނެ ކަމުގެ ޔަޤީންކަން އޭނާ ސަޕޯޓަރުންނަށް ދެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕާ ބެހޭގޮތުން ދެއްކަވަމުންގެންދާ ވާހަކަފުޅުތަކަށްވެސް ޝުޖާއު ރައްދުދެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒުގެ ކާމިޔާބު ލީޑަރޝިޕްގެ އެންމެ ބޮޑު ހެއްކަކީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް މިއަދު އޮތް މިނިވަންކަން ކަމަށެވެ. ރައީސް ނަޝީދަށް ދައުލަތުން ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމާއި، އެހެނިހެން ޚިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި މި ސަރުކާރުން ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރުން ދައްކަމުންދާތީ، މީގެ ކުރިން ރައީސް ނަޝީދު ވެސް ރައީސް މުޢިއްޒަށް ތައުރީފު ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން، ކުރިން ތައުރީފު ކުރެއްވުމަށްފަހު މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ ރައްޔިތުން ގަބޫލުކުރާނެ ވާހަކަތަކެއް ނޫން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ދީފައިވާ މިނިވަންކަމުގެ ނަތީޖާއަކީ އެއްވެސް ހުރަހެއް ނެތި ސަރުކާރަށް ފާޑުކިޔުމުގެ ފުރުޞަތު އޮތުމެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެން، ސިޔާސީ ހަރަކާތްތައް ހިންގަވައި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވާއިރުވެސް، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް އެންމެ ފުރިހަމައަށް ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވާ ކަންކަން، މިސާލަކަށް ރަސްމީ ކާރުކޮޅު ބަދަލުކުރުން ފަދަ ކަންކަންވެސް މި ސަރުކާރުން ވަގުތުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ފަރާތުން ހުރިހާ އިނާޔަތްތަކާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާއިރު، ސަރުކާރުގެ ޤާބިލިއްޔަތާ މެދު ސުވާލު އުފެއްދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ތޮއްޑޫ ކައުންސިލްގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގެންގުޅުއްވާ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޕާޓީގެ ސަފުތައް ބަދަހިކޮށް، ސަރުކާރުގެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ