ވިނަރެސް ފުލެޓުތަކުން ކަރަންޓު ކެނޑުމުން ފެނުގެ ޚިދުމަތް ނުލިބޭތީ ކަންބޮޑުވުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ފެނުގެ ޚިދުމަތް ނުލިބޭތީ، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި، އަލުން ދެވުނީ ތިން ގަޑިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ. އެކަމާ ގުޅިގެން ޒާޔާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ވިނަރެސް ފުލެޓުތަކުން ކަރަންޓު ކެނޑުމުން ފެނާއި ލިފްޓުގެ ޚިދުމަތް ވެސް މެދުކެނޑޭ ކަމަށެވެ. އޭގެތެރެއިން، ފެނަކީ، އަސާސީ ޚިދުމަތެއްކަން ފާހަގަކުރައްވައި އޭނާ ވަނީ، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ފެން ނުލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި، މި މައްސަލައަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކަށް ޒާޔާ ވަނީ ގޮވާލައްވާފައެވެ. ވިނަރެސް ފުލެޓުތަކަކީ، ވެސް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ސަރަހައްދެކެވެ. އޭގެއިތުރަށް، ފެނުގެ ޚިދުމަތް ގިނަ އިރުތަކެއް ނުލިބި ހޭދަކުރަން ޖެހުމަކީ، އެތައް ބަޔަކަށް ދަތިތަކަކާ ކުރިމަތިވާނެ ކަމެއް ކަމަށްވާއިރު، ކުޑަކުދިން ގެންގުޅޭ ބެލެނިވެރިންނަށް އެ ކަމުގެ ދަތިތައް އިތުރަށް ބޮޑުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ