އައްޑޫ ލިންކް ރޯޑް މަޝްރޫއަށް ބޭނުންވާ މެޝިނަރީޒްގެ ފުރަތަމަ ޝިޕްމަންޓް އައްޑޫއަށް ފޮނުވަނީ

އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީޒްގެ ފުރަތަމަ ޝިޕްމަންޓް އައްޑޫއަށް ގެންދިއުމުގެ މަގުމަތީގައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ވިދާޅުވެއްޖެއެވެ.
އަހުމަދު ސައީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ލިންކު ރޯޑު ހެދުމަށް ބޭނުންވާ ސާމާނު އައްޑޫއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާ ކަމަށެވެ. މިއީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށްޓަކައި މަގުގައި ހުރި ބައެއް ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް، ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން މަޝްރޫއަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އައްޑޫގެ ލިންކް ރޯޑަކީ ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ މަގަކަށްވާތީ، މި މަގު އަލުން ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރާއިރު، އައްޑޫގައި ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެގޮތުން ޖުމްލަ 67.58 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ.
އާރްޑީސީން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ކުރިން މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމަށެވެ. މި މަޝްރޫއު ނިމުމުން އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސް، ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ