ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުން 63 ބައިވެރިއަކު ދަސްވެނިވެއްޖެ

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ”ނެޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން“ ފުރިހަމަކުރި ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހާއްސަ ފަންނީ ތަމްރީނު ޕްރޮގްރާމުން 63 ބައިވެރިއަކު ދަސްވެނިވެއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން ފަންނީ ދާއިރާތަކުން ކުރިއަށްދާން ޝައުގުވެރިކަން ފާޅުކުރި ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުތައް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ގައެވެ. މި ޕްރޮގްރާމް ނިންމާލާފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
ދިފާއީ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 63 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 އަންހެން ދަރިވަރުންނާއި 49 ފިރިހެން ދަރިވަރުންނެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކޮށްފައިވަނީ މައިގަނޑު ހަ ދާއިރާއަކުންނެވެ. އެއީ:
އިލެކްޓްރިޝަން
އޮޓޯމޮބައިލް އިންޖިނިއަރިން
މެރިން އިންޖިނިއަރިން
ރެފް އެންޑް އޭސީ
އޮފީސް މެނޭޖްމެންޓް
ބިލްޑިން އެންޑް ފެބްރިކޭޝަން
މި ޕްރޮގްރާމް ފުރިހަމަކުރި ކޮންމެ ދަރިވަރަކަށްވެސް އެންމެ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ގައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި މަސައްކަތުގެ މާހައުލަށް އަހުލުވެރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.
މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހު މި ޕްރޮގްރާމުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުން 344 ބައިވެރިން ދަސްވެނިވެފައިވާއިރު، މިހާރު ވަނީ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައްވެސް ނިންމާލާފައެވެ. ދެވަނަ ބުރުގައި 350 ބައިވެރިން ބައިވެރިވިއިރު، އޭގެ ތެރެއިން 343 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. ދެވަނަ ބުރުން ދަސްވެނިވި ކުދިންގެ ތެރެއިން 80 ބައިވެރިޔަކު ކުރިއަށް އޮތް ފަންނީ ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ