ގޯއްޗާއި ފްލެޓަށް އެދި ހުޝަހެޅުމުގެ މުއްދަތު ޖޫން 15އަށް އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކުގެ މުއްދަތު އިތުރުކޮށްފި ކަމަށް ހައުސިންގް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. ކުރިން މި މަހުގެ 31 ގެ ނިޔަލަށް ހަމަވާގޮތަށް އޮތް މި މުއްދަތު މިހާރު ވަނީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތު އިތުރުކުރަން ނިންމީ އަޟްޙާ އީދާ ގުޅިގެން ގިނަ ބަޔަކު ޗުއްޓީއަށް ރަށުން ބޭރަށް ދިއުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ލިޔެކިއުންތައް ހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީއެވެ. މިކަމުގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ގިނަ ފަރާތްތަކަކަށް އުނދަގޫތަކެއް ކުރިމަތިވަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ވަނީ ފޯމު ހުށަހަޅާ ފަރާތްތަކުން ބޭނުންވާ ސްކީމަށްތޯ ފޯމު ހުށަހެޅެނީ އަދި ހުރިހާ ލިޔެކިއުންތަކެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު، އެޕްލިކޭޝަން ހުށަހެޅިފައިވާކަން ޕޯޓަލުން ކަށަވަރުކުރުމަށްވެސް ވަނީ އެދިފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 860-4004، 861-4004، 862-4004، 863-4004، 864-4004 ނުވަތަ 865-4004 އަށް ގުޅޭނެއެވެ. މީގެ އިތުރުން [email protected] އަށް އީމެއިލް ކޮށްގެންވެސް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ