މާލެއާއި ހުޅުމާލެ އިން ކަރަންޓުކެނޑި ދިމާވި މައްސަލަ ދެނެގަނެ، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާ ކަމަށާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަބަބު ދެނެގަނެ ހައްލުކޮށް ކަރަންޓް އަލުން ދިނުމަށްޓަކައި ސްޓެލްކޯއިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށެވެ.
ސްޓެލކޯއިން ވަނީ މިހާތަނަށް ކުރެވުނު މަސައްކަތުން މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައެވެ. ނަމަވެސް މުޅި މައްސަލަ އަދިވެސް ހައްލު ނުވާތީ މުޅި މާލެއަށާއި ހުޅުމާލެއަށް އަދި ކަރަންޓުގެ ޚިދުމަތް ނުދެވެއެވެ. ނަމަވެސް ސްޓެލްކޯއިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަަތް ފޯރުކޮށް ދިނުމަށެވެ.
މިއަދު ކުއްލިގޮތަކަށް ކަރަންޓް ގޮސްފައިވާއިރު، ސްޓެލްކޯއިން ވަނީ ރޭފަތިހުން ފެށިގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިމަސައްކަތް ކޮށްފައިވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ. އިންޖީނުގެ ނިއްވާލާފައިވަނީ ރޭ މެންދަމުން އަލިވެ 3:00އިން ފެށިގެން ހެނދުނު 8:00 ޖެހުމާހަމައަށެވެ. އެވަގުތު މާލޭގެ ލޯޑް ހުރީ 76 މެގަވޮޓްގައެވެ. މިވަގުތުތަކުގައި އިންޖީނުގެ ނިއްވާލި ނަމަވެސް މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ.
ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާތީ ޕީއެސްއެމްގެ ޗެނަލްތަކުގެ ޚިދުމަތްވެސްވަނީ މެދުކެނޑިފައެވެ. ކަރަންޓް ލިބުނުހާ އަވަހަކަށް ޕީއެސްއެމްގެ ޗެނަކްތަކުގެ ޚިދުމަތް ފެށޭނެއެވެ.
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ