މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އަންނަ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.
މީގެ ކުރިން ވެސް ތަފާތު ސަބަބުތަކާ ހެދި އެ މުއްދަތުތައް އިތުރުކުރަމުން އައިސް ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމަށް ފުރުސަތު ދިނީ ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ކުރިއަށް އޮތް އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ.
ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ މި މޭ މަހުގެ ނިޔަލަށެވެ.
ނަމަވެސް އެ މިނިސްޓްރީގެ މިއަދުގެ އިއުލާނުގައި ބުނީ ބޮޑު އީދަކީ ގިނަ ބަޔަކު އާއިލާއާ އެކު ޗުއްޓީ އަށް ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި ވުމާ އެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ދަތިވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.
"ވީމާ، މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ދިނީ މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު، އެ މުއްދަތު އޭޕްރީލް މަހުގެ ނިޔަލަށް އަދި ފަހު މޭ މަހުގެ ނިޔަލަށް ފަހުން އިތުރުކުރި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.
ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ