ޓެރިފްއާ ހެދި ހީނަރުވެފައިވާ ގުޅުން ބަދަހިކުރަން ރޫބިއޯ އިންޑިއާއަށް

އެމެރިކާއިން އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ބޮޑުކުރުމާއި އިންޑިއާގެ ވާދަވެރި ޕާކިސްތާނާއި ޗައިނާއާ އެމެރިކާއިން ބާއްވާ ގުޅުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް، ގުޅުން ވަރުގަދަކުރުމަށްޓަކައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.
ހަތަރު ދުވަހުގެ މި ރަސްމީ ދަތުރު ރޫބިއޯ ފެއްޓެވީ ކަލްކަތާއިންނެވެ. އެތަނުގައި މަދަ ޓެރީސާ އުފެއްދެވި ޖަމިއްޔާގެ މައި މަރުކަޒަށް ޒިޔާރަތްކުރެއްވުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށް އޭނާ ވަނީ ނިއުދިއްލީއަށް ވަޑައިގެންފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ދަތުރުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ވިޔަފާރި، ހަކަތަ އަދި ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުންނެވެ. މި ހަފުތާގެ ކުރީކޮޅު ރޫބިއޯ ވިދާޅުވެފައިވަނީ، އިންޑިއާއަކީ އެމެރިކާގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި އިންޑިއާއިން ބޭނުންވާ މިންވަރަކަށް ހަކަތަ ފޯރުކޮށްދިނުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށެވެ.
މިދިޔަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާގެ މުދަލުން ބޮޑު ޓެރިފެއް ނަގަން ނިންމެވުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ބުރޫއަރާފަ އެވެ. ނަމަވެސް، ފަހުން ވަގުތީ އެއްބަސްވުމެއްގެ ދަށުން ބައެއް ޓެރިފްތައް ވަނީ ކުޑަކޮށްފަ އެވެ. ނަމަވެސް، ފުރިހަމަ ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ކުރެވޭ މަޝްވަރާތަކުގައި އަދިވެސް ވަނީ ގޮތެއް ނުނިމިފަ އެވެ.
މި ދަތުރު މި ދިމާވީ، އީރާނުގެ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޕާކިސްތާނާ އެކު އެމެރިކާއިން ބާއްވާ ގާތް ގުޅުމާ އަދި ޓްރަމްޕް ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން، ސަރަހައްދީ ސިޔާސަތުގައި އެމެރިކާ އިސްކަންދޭ ކަންކަމާ މެދު އިންޑިއާގެ ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، ރޫބިއޯގެ މި ދަތުރުގެ މަގުސަދަކީ ދެ ގައުމުގެ ގުޅުން ހަމައަކަށް އަޅުވައި، 'ކުއަޑް' ގްރޫޕްގެ ދަށުން ކުރެވޭ މަސައްކަތްތައް ހިމެނޭހެން، ދެ ފަރާތަށް ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ