ނަޝީދު މާފަށް އެދި، އެމްޑީޕީގެ މެންބަރުން ވެސް މާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވެއްޖެ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު 2023ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި އެ ޕާޓީއާ ދެކޮޅަށް ނުކުންނެވުނީތީ، ޕާޓީގެ މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންނެވި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ މެންބަރުންގެ ކިބައިން ނަޝީދު މާފަށް އެދިވަޑައިގަތީ އަންނަ މަހު އޮންނަ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ޕާޓީގެ މެންބަރަކު މާފަށް އެދެން އެދޭ ކަމަށް ބުނުމުންނެވެ.
"2023ވަނަ އަހަރު [ނަޝީދަށް] އެ އޮތީ ކުޑަކުޑަ މިސްޓޭކެއް ޖެހިފައި. އެއީ މައްސަލައެއް ނޫން. ސިޔާސީ ކަންކަމުގައި އޮންނާނީ އައުމާއި ދިއުމާ. [އެހެންވިޔަސް] އަޅުގަނޑުމެން މެންބަރުން އެދެނީ މާފަށް އެދެން. އޭރަށް އަޅުގަނޑުމެން ވަރަށް އުފާވާނެ،" އެ މީހާ ބުންޏެވެ.
ތަފްސީލް - ނަޝީދު ވާހަކަ ދައްކަވަމުން 'ތިޔަ ސުވާލު ކުރެއްވީމައި ޖެހޭނީ ޖަވާބު ދޭން' ކަމަށް ވިދާޅުވެ، ފުރަތަމަ އެމަނިކުފާނު ޕާޓީއާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނު ސަބަބުތަކެއް ވިދާޅުވި އެވެ. އެ ގޮތުން:
2019ގައި އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ލިބި، އެ އަހަރު ނިމުނު ފަހުން ނަޝީދުއާ ވާހަކަ ދެއްކެވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްޓާލެއްވި ކަމަށް؛ އެކަމަކު އެއީ ޅައިރުން ފެށިގެން 'އެއްތަށިމަތީ' އެކީ އުޅުއްވި ދެ ބޭފުޅުން ކަމަށް ވިދާޅުވި
ދެން ނަޝީދު އިޝާރާތްކުރެއްވީ 6 މެއި 2021ގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ؛ "ތިން ތަނުގައި ބޮން ބަހައްޓައިގެން ކޮންމެވެސް އެއް ތަނެއް ގޮއްވާލައި އެ ކަމުގެ ތަހުގީގު ހިނގި ގޮތް" ފެންނާނެ ކަމަށް ވިދާޅުވި
އެންމެ ފަހުން ރިޔާސީ ޕްރައިމަރީގެ ފަހުން އޭރުގެ މަޖިލިސް މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުން؛ ނަޝީދު އިއްޔެ ވިދާޅުވީ މަޖިލިސް މެންބަރުންނަށް ތިއްބެވި ހަސަން ލަތީފާއި އިލްޔާސް ލަބީބާއި އީވާ އަބްދުﷲ ވެސް ވަކިކުރަން އުޅުނު ކަމަށް
ބުނީ ކީކޭ؟ - "ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލާފައި އޮތީމައި އަޅުގަނޑުގެ ލަދެއް ހުރިއްޔާ ދާނެތާ އެ ހިސާބުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "މި ޕާޓީ ދޫކޮށް ދާން ޖެހުމުން އަޅުގަނޑަށް ވުރެ ދެރަވާނެ މީހަކު ނުހުންނާނެ،" ކަމަށެވެ. އެމްޑީޕީއަކީ "އަޅުގަނޑުގެ މުޅި ހަޔާތް" ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަވަން ޖެހުމުން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުން ވެސް އެ މަނިކުފާނުގެ އަރިހުން މާދަށް އެދެން ޖެހޭނެ ކަމަށް ވެސް ވިދާޅުުވި އެވެ.
ނަޝީދު ދެން ވިދާޅުވީ އެ ޕާޓީއަށް 2023ގެ ރިޔާސީ އިންތިހާބު ގެއްލުނީ އޭރުގެ ރިޔާސީ ކެންޑިޑޭޓް ސޯލިހަށް ތާއީދު ނެތި، ސޯލިހުގެ ފެންވަރެއް ނެތުމުން ކަމަށެވެ. ނަމަވެސް ނަޝީދު ނެތި ވެސް އެމްޑީޕީއަށް ސަރުކާރު ހޯދަން ޕާޓީގެ މެންބަރުން މަަސައްކަތްތަކެއް ކުރި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ހުސް އެކަނި އަޅުގަނޑު ގޮސްގެން ކަމަށް އެމްޑީޕީއަށް ވެރިކަން ގެއްލުނީއެއް. އަޅުގަނޑުމެންގެ އޭރުގެ ކެންޑިޑޭޓުގެ [އޭރުގެ ރައީސް ސޯލިހުގެ] ނެތީ އެ ކަން ކުރެވޭނެ މިންވަރު، އަދި ފެންވަރެއް ވެސް،" ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަޝީދު އިސްވެ، ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދުމަށް ފަހު، އެމަނިކުފާނު ހިންގަވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ މަސައްކަތްތަކަށް ގާނާއަށް ވަޑައިގެން ދެ އަހަރު އުޅުއްވި އެވެ. އެ މަސައްކަތުގައި އުޅުއްވަމުން މިދިޔަ އަހަރު ޖޫން މަހު ނަޝީދު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.
އޭގެ ފަހުގައި ނަޝީދުގެ ފެކްޝަނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން މަސައްކަތްކުރަނީ އެކުގަ އެވެ. ޗެއާޕާސަން އިންތިހާބުގައި އެ ފެކްޝަނުން ނަޝީދު ވާދަކުރައްވާއިރު، ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަންގެ ތާއީދު އޮތީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށެވެ.
ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ޝާހިދު ތާއީދުނުކުރައްވާ ކަމަށް އޮތީ އިއުލާންކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ