މިއަހަރު ނިމުމުގެ ކުރިން ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް ހުރިހާ ރަށެއްގައި ހިންގަނީ

މި އަހަރު ނިމުމުގެ ކުރިން ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާނެ ކަމަށް މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ، ހަށިހެޔޮ ރާއްޖެ ރީޖަން 2، ބ. އޭދަފުށީގައި އިފްތިތާހްކޮށްދެއްވުމަށްފަހު، މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެވެ. ރާފިއު ވިދާޅުވީ، މި ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުވުމުގެ މަޤްސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ގައުމީ މަސައްކަތެއް ކަމުގައި އެވެ.
ރާއްޖެއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދުރު، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ނިސްބަތްވާ ގައުމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ވަކި ލަނޑުދަނޑިއެއްކަނޑައަޅާ އެއަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތް، ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ހަރުދަނާ ގޮތެއްގައި ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ރާފިއު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ނިމޭއިރުގައި ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމު ރެގިއުލާކޮށް ހިންގޭނެގޮތަކަށް އިންތިޒާމު ހަމަޖެއްސުން" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާރޓްމަންޓްގެ ބެލުމުގެ ދަށުން ހިންގާ ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް ދަށުން، ތަމްރީނުވެގެންދާ ސްޕޯޓްސް ކައުންސެލަރުން މެދުވެރިކޮށް އެރަށެއްގައި ކަސްރަތު ޕްރޮގްރާމުތައް ހިންގޭނެކަމަށް ޔޫތު މިނިސްޓްރީ އިން ބުނެއެވެ. އެގޮތުން މަދުވެގެން ހަފްތާއަކު ތިން ދުވަހު ކޮންމެ ދުވަހަކު 45 ވަރަކަށް މިނިޓްގެ ކަސްރަތު ހަރަކާތްތަކެއް ރަށުގެ ކުދިބޮޑު އެންމެންނަށް ބައިވެރިވެވޭނެހެން ކުރިއަށް ގެންދާނެކަމަށްވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމަޢަކަށް ރާއްޖެ ހެދުމަށް ކުރިއަށް ގެންދާ ގައުމީ މި ހަރަކާތަށް މިހާތަނަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުކަން މިނިސްޓަރު ރާފިއު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ