އަލޮންސޯ އަށް ޗެލްސީގެ ކޯޗަކަށް ދެމިހުރެވޭނީ ޓްރާންސްފާގެ ކޮންޓްރޯލް އޮވެގެން

ލަންޑަން (މެއި 23) - ޗެލްސީގެ ކޯޗުުގެ މަގާމާ ހަވާލުވާން އެއްބަސްވެފައިވާ ސްޕެއިނުގެ ޒަބީ އަލޮންސޯ އަށް އެ ޓީމުގެ ކޯޗަކަށް ދެމިހުރެވޭނީ އެ ކްލަބްގެ ޓްރާންސްފާ ޕޮލިސީގައި އޭނާގެ ކޮންޓްރޯލް އޮވެގެން ކަމަށް ޗެލްސީގެ ލެޖެންޑް އަދި ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހަލީޖްގެ ކޯޗު، އުރުގުއޭގެ ގުސްޓާވޯ ޕޮޔެޓް ބުނެފި އެވެ.
 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި އަލޮންސޯ، ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ވަނީ އެއްބަސްވެފަ އެވެ. ކުރިން، ބަޔާ ލެވަކޫސަނަށް ކޯޗުކޮށްދިން އަލޮންސޯ، މި ސީޒަން ފެށިއިރު ހުރީ ރެއާލް މެޑްރިޑްގެ ކޯޗަކަށެެވެ. އެކަމަކު، އެ ޓީމުގެ ކޯޗުކަމުން ވަކިކުރުމުން، އަލޮންސޯ ހުރީ ޓީމަކާ ހަވާލުނުވެ އެވެ. ޗެލްސީން މި ސީޒަން ފެށިއިރު ހުރި އިޓަލީގެ ކޯޗު އެންޒޯ މަރެސްކާ ވަކިކޮށް، ފަހުން ދިގު މުއްދަތަކަށް ޓީމު ހަވާލުކުރި ލިއަމް ރޮސެނިއާ ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. 
ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ޒަބީ އަލޮންސޯއާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ. ކުރިން ބަޔާ ލެވަކޫސަނާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން އަލޮންސޯ، ޗެލްސީއާ ހަވާލުވާނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން.
ޓްރިބަލް ފުޓްބޯލް އަށް ބެޓްގުޑްވިން މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ޕޮޔެޓް ވަނީ ޗެލްސީގައި އަލޮންސޯ ކާމިޔާބު މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ. އަދި، ޗެލްސީގައި އަލޮންސޯ އަށް ކާމިޔާބު ހޯދޭނެ ކަމަށް ޕޮޔެޓް ގަބޫލުކުރާ ސަބަބަކީ، ބަޔާ ލެވަކޫސަނުގައި އޭނާ ކުރިއަށްގެންދިޔަ ކާމިޔާބު ޕްރޮޖެކްޓެވެ. 
އަލޮންސޯގެ ކުޅުމުގެ ކެރިއަރުގައި އޭނާގެ ކިބައިން ފެނިގެންދިޔަ ވިސްނުންތޫނު ކަމާއި މެޗުގެ ކަންކަން ދެނެގަތުމުގެ ހުނަރަށް ބަލާއިރު، ކާމިޔާބު ކޯޗަކަށްވެވޭނެ ހުރިހާ ކަމެއް ފުރިހަމަވާ ކަމަށް ވެސް ޕޮޔެޓް ވަނީ ފާހަގަކޮށްފަ އެވެ. 
"ވަރަށް ތަފާތު ގޭމެއް ލެވަކޫސަނުން ކުޅުނީ. ވަރަށް ކާމިޔާބު ދުވަސްތަކެއް، ރަނގަޅު ފުޓްބޯޅައެއް ކުޅެގެން އެ ޓީމުން ކުރިއަށްގެންދިޔައީ، އަހަރެން، އަލޮންސޯ ޖަޖްކުރަނީ ލެވަކޫސަނުން. ރެއާލްގައި އޭނާ މުޅިން ކުރަން ޖެހުނީ އެހެން މަސައްކަތެއް،" ޕޮޔެޓް ބުންޏެވެ. 
ކޯޗުންނަށް އެހާ ގިނަ ފުރުސަތުތަކެއް ނުދޭ ޓީމެއްގެ ގޮތުގައި ފެނިގެންދާ ޗެލްސީގައި އަލޮންސޯ އަށް ވެސް ފެންވަރު ސާބިތުކޮށްދޭން ފުރަތަމަ ދުވަހުން ފެށިގެން ޕްރެޝަރު އޮންނާނެ ކަމަށް ޕޮޔެޓް ވަނީ ފާހަގަކޮށްފަ އެެވެ. އަދި، ކެތްތެރިކަމާ އެކު އަލޮންސޯ އަށް ޓީމެއް ބިނާކުރަން ޗެލްސީގައި އޮތީ ކިހާ ވަރެއްގެ ފުރުސަތެއްތޯ ސީދާ ބުނަން ނޭނގޭ ކަމަށް ޕޮޔެޓް ވަނީ ބުނެފަ އެވެ. 
"ޔަގީންކަމެއް އަލޮންސޯ އަށް އެ މަގާމުގައި ދެމިހުރެވޭނީ އެ ޓީމުގެ ޓްރާންސްފާ ކަންކަމުގެ ކޮންޓްރޯލް އޭނަ އަތުގައި އޮވެގެން. ޗެލްސީގެ ބޯޑުން ހުރިހާ ކަމެއް ނިންމާގޮތަށް ޓީމާ ގުޅޭ ކަންކަން އޮންނަނަމަ އަލޮންސޯ އަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ. ދެން، އަންނަ ސީޒަނުގައި ޗެލްސީ އަށް ޔޫރަޕްގެ މުބާރާތެއްގައި ކުޅެން ފުރުސަތު ނެތް ހާލަތެއްގައިނަމަ، ހަމަޖެހިލައިގެން އަލޮންސޯ އަށް މަސައްކަތް ކުރެވިދާނެ، އެކަމަކު، ވަގުތުން ވެސް ޗެލްސީ ސްކޮޑުގައި ހުރި މައްސަލަތައް ހައްލުކުރަން ޖެހޭނެ،" ޕޮޔެޓް ބުންޏެވެ. 
ޗެލްސީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔަގީންނުލިބޭނެކަން ވަނީ ޔަގީންވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ