ހިމަބިހި ކޭސްތަކުގެ އަދަދު 7 އަށް: އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން އެދިއްޖެ

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުން އަންނައިރު، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ. ހިމަބިއްސަކީ ކުރިން ރާއްޖޭން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖޭން ވަނީ ފެނިފައެވެ. އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ. https://sun.mv/222276 އެ ކަމާ ގުޅިގެން މިއަދު އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ވަނީ ހިމަބިހީގެ މުހިންމު މައުލޫމާތުތަކެއް ކިޔައިދީފައެވެ. މިގޮތުން، އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ. އެޗްޕީއޭއިން ވަނީ އޭގެ ތެރެއިން އާލާމަތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ. https://x.com/HPA_MV/status/2058035190187077819 މީގެ އިތުރުން، ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮންނަކަން އެޗްޕީއޭއިން ފާހަގަކުރިއެވެ. މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެހެންވެ، އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ