ފުލުހުންގެ ވާޖިބަށް ހުރަހެއް ނާޅަން، ފުލުހުން ހުރަސް އެޅީ އަޅުގަނޑުގެ ވާޖިބަށް: ހުސައިން ފުލުހުންގެ ވާޖިބަށް ހުރަހެއް ނާޅަން، ފުލުހުން ހުރަސް އެޅީ އަޅުގަނޑުގެ ވާޖިބަށް: ހުސައިން

ފުލުހުންގެ ވާޖިބަށް ހުރަސްނާޅާ ކަމަށާއި ހަގީގަތުގައި ފުލުހުން ހުރަސްއެޅީ އޭނާގެ ވާޖިބަށް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ ރައީސް، ހުސައިން ހަސަން ވިދާޅުވެއްޖެ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ފޮޓޯ ނެގި މައްސަލައަކާ ގުޅިގެން ފުލުހަށް ބަޔާން ދިނުމަށްފަހު ނިކުމެ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުސައިން ވިދާޅުވީ ފުލުހުން ކުރާ ތުހުމަތުތަކަށް ބަލާލީމަ އެނގުނީ އޭނާގެ ވާޖިބަށް ހުރަސްއެޅީ ފުލުހުން ކަމަށެވެ.
"ފުލުހުން ވިދާޅުވަނީ ފުލުހުންގެ ވާޖިބަށް އަޅުގަނޑު ހުރަސް އެޅީއޭ. އެ ބޭފުޅުން ކުރި ތުހުމަތުތައް ބަލާލީމަ އެނގުނީ ހަގީގަތުގައި އަޅުގަނޑުގެ ވާޖިބަށް އެބޭފުޅުން ހުރަސް އެޅީ. އެއީ އަޅުގަނޑުމެންނަކީ އިދިކޮޅު ޕާޓީގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އެބޭފުޅުން ކުރާ ކަންތައްތަކަށް ފާރަވެރިވެ މިތިބީ،" އޭނާ ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ ފުލުހުން އޮޕަރޭޝަން ހިންގި ތަނަކީ ކޯޑަން ވެސް ކޮށްފައި އޮތް ތަނެއް ނޫން ކަމަށާއި އެ އޮޕަރޭޝަންގެ މައުލޫމާތު އާންމުންނަށް އެންގެން ޖެހޭތީ އެ ފޮޓޯ ޑިލީޓް ނުކުރީ ކަމަށެވެ.
ގަދަ ބާރުން ފޮޓޯ ޑިލީޓްކުރުވަން މަސައްކަތް ކުރުމުން ވެސް އެކަން ނުކުރުމުން އަނިޔާވެރިކޮށް ހައްޔަރުކުރިކަން ފާހަގަކޮށް ހުސައިން ވިދާޅުވީ މި ޒަމާނުގައި ފޮޓޯ ނެގުމަކީ ވެސް މަނާ ކަމަކަށް މި ރާއްޖޭގައި ވެފައިވާ ކަމަށެވެ.
ހުސައިންގެ ލޯޔަރު، އިބްރާހިމް ޝިޔާން ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމުގެ ގޮތުން ހުސައިން ކޮށްފައިވާ އަމަލަކީ ސީންއެއްގެ ފޮޓޯ ނެގުން ކަމަށާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ އަމަލެއް ގޮތުން ހުސައިން ކޮށްފައި އޮތް ކަމަކީ އެ ފޮޓޯ ޑިލީޓް ނުކުރުންކަން ތަހުގީގުގައި ދޭހަވި ކަމަށެވެ.
ފޮޓޯއެއް ނަގައިގެން މީހަކު ހައްޔަރުކޮށް، އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާން ވިދާޅުވި އެވެ.
ސެޕްޓެމްބަރު 10، ގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ހުސައިން ފޮޓޯއެއް ނަގާފައިވާތީއާއި، އެ ފޮޓޯ ޑިލީޓު ކުރަން ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުން ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ހުސައިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާގެ މައްޗަށް ޖިނާއީ 14 ކުށެއްގެ ތުހުމަތުކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައި ދިނުމަށް އެދިފަ އެވެ.
ހުސައިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ. އޭނާގެ މައްޗަށް ޝަރުތުކުރީ 30 ދުވަހުގެ މުއްދަތަށް ކަމަށްވާއިރު، އެ މުއްދަތު ވަނީ ހަމަވެފަ އެވެ.
މަންޒަރު ދުށް މީހުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ. ހާމަކޮށް މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށެއް ކަމަށް ބަލައި މީހަކު ހައްޔަރު ނުކުރެވޭނޭ ކަމަށް ހުސައިންގެ ވަކީލުން ކޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ