ޓެކްސް އެޕީލް ޓްރައިބިއުނަލަށް އަފީފާއި ޝައުފާ އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިބްރާހިމް އަފީފާއި ޝައުފާ އިބްރާހީމް މިއަދު އައްޔަނުކުރައްވައިފިއެވެ. އޭގެތެރެއިން އަފީފް އައްޔަނުކުރެއްވީ، ޓްރައިބިއުނަލްގެ މެންބަރު ކަމަށްވާއިރު، ޝައުފާ އައްޔަނުކުރެއްވީ ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާ ތަމްސީލުކުރާ މެންބަރު ކަމަށެވެ. އެ ދެ ބޭފުޅުން މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް މިމަހު އަށެއްގައި ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ. އެގޮތުން، އަފީފް ޓްރައިބިއުނަލަށް އައްޔަންކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދީފައެވެ. ފާހަގަކުރެވޭ ގޮތުގައި، ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ވަނީ ހަތް ނަމެއް މަޖިލީހަށް ފޮނުއްވައިފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ނަމެވެ. އެ ނަންތައް ކޮމިޓީން ދިރާސާކޮށް، އެ ހަތް ބޭފުޅުންގެ ތެރެއިން، ކޮމިޓީން ފާސްވާ މާކްސް ކަމަށްވާ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ތެރެއިން 97 އިންސައްތަ މާކްސް ލިބިވަޑައިގެން، ލިސްޓުގެ އެންމެ ކުރީގައި އުޅުއްވީ ވެސް މަހާޒެވެ. https://sun.mv/212395 އެކަމަކު، އޭނާ ޓްރައިބިއުނަލަށް އައްޔަންކުރަން ރުހުން ހޯދަން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެން 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވަނީ މަހާޒު އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ