މި ސަރުކާރުގައި ނަތީޖާ ނެރެދިނުން ފިޔަވާ އިތުރު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އެ އަތޮޅު ގޮއިދޫއަށް ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް މިހާ ދުވަހު ނުވެ ހުރި ކަންކަމާއި ރަނގަޅަށް ނުގޮސް ހުރި ކަންކަމަށް އެޑްރެސްކޮށް އެކަންކަން ކޮށްދޭނެ ކަމަށެވެ.
"މި ސަރުކާރުގެ ނެތް ނަތީޖާ ނެރެދިނުން ފިޔަވާ އިތުރު އެއްވެސް ޝައުގުވެރިކަމެއް. ހުރިހާ ވެސް އަޅުގަނޑުމެންގެ ފޯކަސްއެއް ހުރީ ނަތީޖާ ނެރެދޭން. ރައްޔިތުންނަށް މިހާ ދުވަހު ނުވެ ހުރި ކަންކަމާއި ރަނގަޅަށް ނުގޮސް ހުރި ކަންކަމާއި މި ހުރިހާ ކަމަކަށް އެޑްރެސްކޮށް ކަންކަން ކޮށްދޭން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި އަހަރާއި އަންނަ އަހަރު ތެރޭގައި ކަންކަން ވަމުންދާތަނާއި ނިމެމުންދާތަން ވެސް ފެންނާނެ ކަމަށެވެ.
ރައްޔިތުންގެ ގާތަށް ދަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ދިނުމަށާއި އިތުރަށް ރައްޔިތުން ގާތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެ ކަންކަން ކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ ހުރިހާ ޝައުގުވެރިކަމެއް ހުރީ ނަތީޖާ ނެރެދިނުމަށް ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، ރަށްރަށުގައި މަޝްރުއުތައް ކުރިއަށް ނުދާ ކަމަށް ގިނަ ރަށްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.
އެގޮތުން މަޝްރޫއުތައް ކުރިއަށް ދަނީ މުއިއްޒު އެ ރަށަކަށް ދަތުރުކުރައްވާއިރު އެކަނި ކަމަށާއި ދަތުރު ނިމޭފަހުން އެ ރަށެއްގައި ހުންނަ ތަކެތި އެހެން ރަށަކަށް ފޮނުވާ ކަމަށް ވެސް ބައެއް ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވެހިކަމުގެ ވައުދުގެ ދަށުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާތީ އެކަމާ ގުޅިގެންވެސް އާންމުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
މި ސަރުކާރުގައި ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު ޝައުގުވެރިކަމެއް ނެތް: މުއިއްޒު މި ސަރުކާރުގައި ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު ޝައުގުވެރިކަމެއް ނެތް: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ