ކުރީގެ އޭޖީ ރިފްއަތު ވެސް އޭސީސީއަށް ހާޒިރުކުރަނީ
ކުރީ ސަރުކާރުން ބަދަލު ދިން މައްސަލަތަކެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަށް އޭރު ބަންޑާރަނައިބަކަށް ހުންނެވި އިބްރާހިމް ރިފްއަތު ވެސް ހާޒިރުކުރަން ނިންމައިފި އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު ރިފްއަތު ވެސް އެސީސީގެ ތަޙުޤީޤަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށް ސޯލިހު ވިދާޅުވި އެވެ."ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ސޯލިހު ވިދާޅުވި އެވެ.ރިފްއަތު އޭސީސީއަށް ހާޒިރުކުރަން ޗިޓު ފޮނުވިއިރު، ކޮރަޕްޝަންގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. އެ ކޮމިޝަނުން އިއްޔެ ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހާޒިރުކޮށްފައެވެ.މީގެ އިތުރުން، ޞާލިޙްގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ޗިޓު ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ