ބޮޑު ތިން ބައްޔެެއް ނައްތާލި ފުރަަތަމަ ގައުމަކަށް ދިވެހިރާއްޖެ

މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެ ތާރީހީ ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން ވަނީ އެކަން އިއުލާނުކޮށްފަ އެވެ. އެ ޖަމިއްޔާ އިން މިއަދު ވަނީ މައިމީހާގެ ފަރާތުން ދަރިފުޅަށް، ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ގައުމަކަށް ރާއްޖެ ވެފައިވާކަން ކަނޑައަޅާފަ އެވެ. އެއާއެކު މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެވީ އެވެ.
މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗްއައިވީ އާއި ސިފިލިސް ފެތުރުން ހުއްޓުވި ގައުމަކަށް ރާއްޖެ ވެފައިވާކަން އިއުލާނުކުރީ 2019 ވަނަ އަހަރު އެވެ.
ސިއްހީ ދާއިރާއިން ހޯދި މި ބޮޑުު ކާމިޔާބީ ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މި ތާރީޚީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި ސިއްހީ ހިދުމަތްތެރިންނާއި ބައިވެރިންނަށް، ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ މި ތާރީހީ ކާމިޔާބު ހޯދި ފުރަތަމަ ގައުމުކަމުގައި ފާހަގަކުރައްވައި، ވާލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗް.އޯ) އިން ހިއްސާކުރެއްވި ޕޯސްޓެއް، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓުގައި، ދިވެހިރާއްޖެއިން މި ހޯދި ތާރީހީ ކާމިޔާބަކީ ޑަބްލިއުއެޗްއޯއިން ބަލައިގެންފައިވާ ކާމީޔާބެއްކަން ފާހަގަ ކުރައްވާފައިވެ އެވެ. މިއީ އާންމު ސިއްހަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއާއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
އަދި މިއީ ސަރުކާރާއި، ސިއްހީ ދާއިރާގެ ޕްރައިވެޓް ހިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ހިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ