ރައީސުލްޖުމްހޫރިއްޔާ، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ބިލެތްފަހި ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގައި މީގެ ކުރިން ފެށި ނަމަވެސް މަސައްކަތް ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢާއި، ބަނދަރުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ބަނދަރުގެ ނެރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި ކްލާސްރޫމް އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގަތެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް ޚިދުމަތްދޭ ވަގުތު ސޯޅަ ގަޑިއިރަށް އިތުރުރުކޮށްދެއްވުމަށާއި، އަލަށް އާބާދުވާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނި ކޮށްޓެއްގެ އިތުރުން އެއާޕޯޓުގެ މަސައްކަތް މިދައުރުގައި ނިންމަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި އ.ތ.މ. ކޮމިޓީން ވަނީ މަސައްކަތް ކުރާނެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި އަންހެނުންނަށް އިންޑޯ ޖިމެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ