އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ ތާވަލުން މި ވަގުތު ފެންނަން އޮތް ކަންތައްތަކަކީ ރާއްޖޭގެ އަސްލު ފެންވަރު ފެންނަ ކަމެއް ނޫން ކަމަށް ތަޖިކިސްތާންގެ ކޯޗު ގޯރާން ސްޓެވާނޯވިޗް ބުނެފި އެވެ.
ސާބިއާ އަށް އުފަން ސްޓެވާނޯވިޗް ހަވާލުވި ފަހުން، ތަޖިކިސްތާނުން ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ ގައުމުގައި ކުޅެ ރާއްޖެ އަތުން 2-0 އިން މޮޅުވި މެޗެވެ.
ދެ ވަނަ މެޗުގައި މާދަމާ ހަވީރު ގަަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުންނައިރު، ސްޓެވާނޯވިޗް ބުނީ، ދެ ޓީމުގެ ދެމެދުގައި އެއް ޓީމު އަދި އަނެއް ޓީމަށް ސިއްރު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެވާނޯވިޗް ބުނީ، ރާއްޖެއާ ދެކޮޅަށް މި މެޗުގައި ތަޖިކިސްތާނުން ކުޅެއިރު، 100 ޕަސެންޓް ސަމާލުވެގެން ތިބެންޖެހޭނެ ކަމަށެވެ. އަދި، ރާއްޖެ ޓީމުގައި ހަތަރެއް ނޫނީ ފަހެއް ވަރަށް ހަލުވި އިންޑިވިޖުއަލް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށާއި އެކަންކަމަށް ހުރިހާ ވަގުތުހެން ތަޖިކިސްތާނުން ސަމާލުވާން ޖެހޭނެ ކަމަށް ސްޓެވާނޯވިޗް ގަބޫލުކުރެ އެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގައި އެއް ވަނައިގައި އޮތް ފިލިޕީންސާއި ދެ ވަނައިގައި އޮތް ތަޖިކިސްތާނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓީމޯ ލެސްޓޭ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބެ އެވެ.
ސްޓެވާނޯވިޗް ބުނީ، ރާއްޖޭން މެޗުތަކުގައި ދެއްކި ކުޅުމަށް ބަލާއިރު ފެނުނު މަންޒަރު މުޅިން ތަފާތު ކަމަށާއި ޕޮއިންޓް ތާވަލުން ފެންނަ ކަންކަމާ ދިމާނުވާ ކަމަށެވެ.
"ރާއްޖެ އެ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގައި. އެކަމަކު އަހަރެން ބުނާނީ މެޗުތަކުގެ ނަތީޖާ އެ ފެންނަ ގޮތަކަށް ނޫނޭ ކުޅުން ގޮސްފައި ހުރީ. އަހަރެންގެ ހިތުގައި އޮތްގޮތަށް މި ވާހަކަ ދައްކަނީ. ފިލިޕީންސް އިން 80 މިނިޓްގައި ރާއްޖެ ކައިރީގައި އޮތީ 2-1 ގައި. ފަހުން 4-1 ވިޔަސް، ދެން، ޓިމޯ ލެސްޓޭ މެޗަކީ ރާއްޖެ ބަލިވާން ޖެހޭ މެޗެއް ނޫން،" ސްޓެވާނޯވިޗް ބުންޏެވެ.
"އަހަރެމެންނާ ދެކޮޅަށް ވެސް ފަހު ވަގުތު ރާއްޖޭން ދަނޑީގައި ޖެހި ހަމަލާއެއް. އެ ގޯލަށް ވަންނަމަ ސްކޯ އަކީ 2-1 އެހެންވީމަ، އަހަރެމެން މެޗުގައި ވެސް ހާލަތުތަކެއް ދިޔަ،"
ގާނާގެ ސީނިއާ ޓީމާއި ސާބިއާގެ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިން ސްޓެވާނޯވިޗް ބުނީ، އޭނާ ތަޖިކިސްތާން ޓީމާ، ކޮލިފައިންގެ މެދުތެރެއިން ހަވާލުވާން ނިންމީ އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ޔަގީންކަަމުގެ އިތުރުން ތަޖިކިސްތާންގައި ރަނގަޅު ޓީމެއް އޮތުމުން ކަމަށެވެ. ތަޖިކިސްތާނުގައި އެ ގައުމުގެ ލީގާއި އެެހެން ގައުމުތަކުގައި ކުޅޭ ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި ކަމަށާއި އޭގެ ސަބަބުން އެ ޓީމު ގޮވައިގެން ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަސޭހަތަކެއް އެބަހުރި ކަމަށް ސްޓެވާނޯވިޗް ވަނީ ފާހަގަކޮށްފަ އެވެ.
ތަޖިކިސްތާނަކީ އެންމެ ފަހުން އޮތް އޭޝިއަން ކަޕްގެ ގަދަ 16 ގައި ވާދަކުރި ޓީމެއް ކަމަށްވާއިރު، އެ ޓީމާ ހަވާލުވެ، ސްޓެވާނޯވިޗްގެ ޓާގެޓަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނީ، މާ ދުރު ޓާގެޓްތަކެއް ނަހަދައި، އޭނާ އަބަދުވެސް ވިސްނަނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.
ރާއްޖެ އާއި ތަޖިކިސްތާން ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 15:30 ގަ އެވެ. މިއީ، މިދިޔަ ދެ އަހަރު ތެރޭ ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅޭ ފުރަތަަމަ މެޗެވެ.
ޕޮއިންޓް ތާވަލުން ފެންނަނީ ރާއްޖޭގެ އަސްލު ފެންވަރެއް ނޫން: ތަޖިކިސްތާން ކޯޗު ޕޮއިންޓް ތާވަލުން ފެންނަނީ ރާއްޖޭގެ އަސްލު ފެންވަރެއް ނޫން: ތަޖިކިސްތާން ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ