މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އައްޑޫއަށް ދަތުރުކުރީ ޕީއެންސީ ޖަލްސާއަށް މީހުން ގެންނަން މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އައްޑޫއަށް ދަތުރުކުރީ ޕީއެންސީ ޖަލްސާއަށް މީހުން ގެންނަން

ގައުމީ އެއާލައިން، މޯލްޑިވިއަން ގައި މިވަގުތު އޮތް އެންމެ ބޮޑު މަތިންދާ ބޯޓު، ފުރަތަމަ ފަހަރަށް އައްޑޫއަށް ދަތުރުކުރީ ވެރިކަންކުރާ ޕީއެންސީ އިން މާދަމާ ރޭ މާލޭގައި ބާއްވާ ޖަލްސާއަށް މީހުން ގެނައުމަށް ކަން އެނގިއްޖެ އެވެ.
މި އަހަރު ކުރީކޮޅު ގެނައި ޖުމްލަ 264 ސީޓު ހިމެނޭ މި އެއާބަސް 330-200 އިން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރީ މިއަދު ހެދުނު އެވެ. އެ ބޯޓު މިހާރު ވަނީ އެނބުރި މާލެއަށް ދަތުރުކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިރޭ އެ ބޯޓުން އައްޑޫ އާއި މާލެއާ ދެމެދު އިތުރު ދަތުރެއް ކުރާނެ އެވެ.
މި ދަތުރާއި ގުޅިގެން މޯލްޑިވިއަންގެ އޮފިޝަލުން ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިއީ އަމިއްލަ ފަރާތަކުން ޗާޓަރުކޮށްގެން ކުރި ދަތުރެކެވެ. އަދި މި ދުވަސްވަރު އައްޑޫ އާއި މާލެ އާ ދެމެދު ކުރާ ދަތުރުތަކަށް ޑިމާންޑު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ދަތުރުގެ ހަމައެކަނި ބޭނުމަކީ މާދަމާ ރޭގެ ޖަލްސާއަށް އައްޑޫއިން މީހުން ގެނައުމެވެ. ދެ ދަތުރުން 500 އަށްވުރެ ގިނަ މީހުން އައްޑޫއިން މާލެ ގެންނަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އައްޑޫގެ އިތުރުން މި ވަގުތު ފެނަށް ޖެހިފައި އޮތް ފުވައްމުލަކު ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުން، މާދަމާ ވެރިކަންކުރާ ޕީއެންސީއިން މާލޭގައި ބާއްވާ ޖަލްސާއަށް މީހުން ގެންނަކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.
ފެން ކެނޑުމާއި ގުޅިގެން ހޯމަ ދުވަހު ދަންވަރުން ފެށިގެން ފުވައްމަލަކަށް ފެން ގެންދިޔުމަށް މޯލްޑިވިއަން އިން ދަނީ ފުވައްމުލަކަށް ފްލައިޓު އަޅަމުންނެވެ.
މި ފްލައިޓުތަކުގެ ތެރެއިން ރެއިން ފެށިގެން ފުވައްމުލަކަށް ފެން ގެންދިޔުމަށް އަޅަމުންދާ ފްލައިޓުތައް އެނބުރި މާލެ އަންނައިރު، ޕީއެންސީ ޖަލްސާއަށް މީހުން ގެންނަމުންދާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މިހާތަނަށް ހައެއްކަ ފްލައިޓުގައި މީހުން ގެނެސްފައިވާ ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.
މި ނޫހުން އެކި ގޮތްގޮތުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ފާއިތުވި 48 ގަޑިއިރެއްހާ އިރު ތެރޭގައި ފުވައްމުލަކުން މާލެއަށް 10 ވަރަކަށް ފްލައިޓު އަޅާފައިވެ އެވެ.
މި ދަތުރުތަކުގައި މާލެ އައި މީހުންގެ ތެރޭގައި ޕީއެންސީގެ ސަޕޯޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބި މީހުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ