ގަވާއިދާ ހިލާފަށް އުޅުނު 66 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 66 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ވިޔަފާރިކުރާ، އަދި ސައްހަ ވިސާއެއް ނެތި އުޅޭ ބިދޭސީން އެމީހުންގެ އަމިއްލަ ގައުމަށް އަނބުރާ ފޮނުވާލަން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.
ތަފްސީލް - މި އޮޕަރޭޝަނާ ގުޅޭ ގޮތުން އިމިގްރޭޝަނުން ބުނީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ހަރަކާތްތަކުގައި އުޅޭކަން ފާހަގަވެފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި  ޖުމްލަ 347 ބިދޭސީއަކު ޗެކުކުރި ކަމަށެވެ.
މިއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޖްތިމާއީ ހަމަޖެހުމާއި އިގުތިސޯދީ ދުޅަހެޔޮކަން ދަމަހައްޓަން ކުރާ މުހިންމު މަސައްކަތްތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފާހަގަކުރެވޭ - ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެ އެވެ. އެފަދަ މީހުންގެ މައުލޫމާތު ހިއްސާކުރަން ހާއްސަ ޕޯޓަލެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ