ދުވުންތެރިޔާ އާތިފް، މަޑަވެލީގެ އެންމެ އުތުރުން ފިޔޯރީގެ އެންމެ ދެކުނަށް ފަރުމަތިން 48 ކިލޯމީޓަރު ހިނގައިފައި ހުރަސްކޮށްފި

ދުވުންތެރިޔާ އަހްމަދު އާތިފް، މިފަހަރު ގދ. މަޑަވެލީގެ އެންމެ އުތުރުން، ހަމަ އެ އަތޮޅުގެ ފިޔޯރީއަށް، ފަރުމަތިން ހިނގާފައި ހަތް ދުވަހުން 48 ކިލޯމީޓަރު ހުރަސްކޮށްފިއެވެ. މަޑަވެލީގެ އެންމެ އުތުރުން ފިޔޯރީގެ އެންމެ ދެކުނަށް، ފަރުމަތިން ހިނގައި 48 ކިލޯމީޓަރު ކަޑައްތުކުރުމުގައި އާތިފްގެ އިތުރުން ހަ މީހަކު ބައިވިރިވިއެވެ. ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި އާތިފް ބުނީ، މަޑަވެލީގެ އެންމެ އުތުރުން ފިޔޯރީގެ އެންމެ ދެކުނަށް، ތިލަ ފަޅުގައި ހިނގާފައި ދިޔަ ދަތުރުގައި ހަމައެކަނި ގެންދިޔައީ ދަތުރަށް ބޭނުންވާ ވަރަށް، 15 ކިލޯއާއި 25 ކިލޯއާ ދެމެދުގެ ތަކެތި ކަމަށެވެ. މި ދަތުރުގެ އެންމެ ފުރަތަމަ ދުވަހު ބޮޑެތި ރާޅުތައް ބިންދަމުން ދިއުމާއި ދިޔަވަރު ބޮޑުވުމާއި ފަރުތަކުގެ ތެރެއިން ހިނގާފައި ދާން ޖެހުމުން މުޅި ގްރޫޕު ގާތްގަނޑަކަށް ހާންތިކޮށްލި ކަމަށާއި، ދެވަނަ ދުވަސް ވެސް ދިޔައީ ހަމަ އެފަދަ އެގޮތަށް ކަމަށް، އާތިފްގެ ބުނެފައިވެއެވެ. ނަމަވެސް ތިންވަނަ ދުވަހުން ފެށިގެން އެ ހުރިހާ ކަމަކަށް ހޭނުނު ކަމަށް އޭނާ ކިޔައިދިނެވެ. "ދިޔަވަރު ބޮޑުވާ ވަގުތު ބަލައި، ފަތިސްވުމުގެ ކުރިން ހޭލައި، އިރު އެރުމާއެކު ދަތުރު ފަށައި، އަނދިރިވުމުގެ ކުރިން އެއްގަމަށް ދެވޭތޯ މަސައްކަތްކޮށްފައިވާނެ،" މި ދަތުރުގައި އާތިފާއި އޭނާގެ ގްރޫޕްގެ ދުވަހުގެ ކަންކަން ކުރިއަށް ގެންދާ ގޮތްވެސް ހިއްސާކުރިއެވެ. އެގޮތުން ކޮންމެ ދުވަހަކު ހޭލައި، ތަކެތި ޕެކްކުރުމަށްފަހު ދަތުރު ފަށައެވެ. އެއަށްފަހު ކުޑަ ބްރޭކެއް ނަގައި ހެނދުނުގެ ސަޔާއި މެންދުރުގެ ކެއުމަށް ފަހު އަނެއްކާވެސް ދަތުރައިގެން ކުރިއަށް ދެއެވެ. އޭގެ ފަހުން އަނދިރިވާން ވާއިރަށް ކޭމްޕްކުރުމަށް އެއްގަމަށް އަރައި، ކޭމްޕްކުރުމަށްފަހު ކައްކައި ރޭގަނޑުގެ ނާސްތާއަށް ފަހު ނިދަނީއެވެ. މިއީ ވަރުބަލިކުރުވަނިވި، ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި އާތިފް ސިފަކުރިއެވެ. މި ދަތުރުގައި އާތިފާއި އޭނާގެ ގްރޫޕުން ވަނީ މީހުން އުޅޭ ބައެއް ރަށްރަށަށް ވެސް ގޮސްފައެވެ. އެގޮތުން ތިނަދޫ ސިޓީއާއި ނަޑެއްލާއާއި ފިޔޯރީ ރައްޔިތުންނާއި ކައުންސިލްތަކުން ދިން އެހީތެރިކަން އާތިފް ފާހަގަކުރިއެވެ. އާތިފް އެންމެ ބޮޑަށް ފާހަގަވަނީ ބޮޑެތި ދިގު ދުވުންތަކުންނެވެ. އެގޮތުން ރާއްޖޭގައި ހުއްޓުމެއްނެތި 24 ގަޑިއިރު ވަންދެން އެންމެ ފުރަތަމަ ދުވި ދިވެއްސަކީ އާތިފް ކަން ފާހަގަކުރެވެއެވެ. 42.2 ކިލޯމީޓަރުގެ ދިގުމިނެއް އޮންނަ މެރަތަންގެ އިތުރުން އަލްޓްރާމެރަތަން (50 ކިލޯމީޓަރަށް ވުރެ ދިގު ދުވުންތައް) ވެސް ދުވާ އާތިފް ވަނީ އެންމެ ބޮޑު އެއް އެންޑުރަންސް އިވެންޓް ކަމަށްވާ އަޔަންމޭން ވެސް ފުރިހަމަކޮށްފައެވެ. އަޔަންމޭންގައި ހިމެނެނީ 3.8 ކިލޯމީޓަރު ފެތުމާއި 180 ކިލޯމީޓަރު ބައިސްކަލުގައި ފުރިހަމަކުރުމާއި އެއަށްފަހު 42.2 ކިލޯމީޓަރު ނުވަތަ މެރަތަނެއް ފުރިހަމަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ