ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑުގައި ހުރީ ލިވަޕޫލުން މިއަހަރު ލީގު ކާމިޔާބުކޮށް ހޯދި ތަށީގެ ނަކަލެއް

މި މަހު ކުރީކޮޅު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް)ގައި ރާއްޖޭގެ ސްޓޭންޑުގައި ބަހައްޓާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށީގެ ނަކަލަށް ހޫނު ތަރުހީބެއް ލިބުނުކަމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ. މި މަހުގެ ހަތަރުވަނަ ދުވަހުން ހަވަނަ ދުވަހަށް ބޭއްވި ޑަބްލިއުޓީއެމްގެ މިއަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޭންޑުގައި ގާއިމްކުރި ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ފޭންޒޯނުގައި ބަހައްޓާފައި ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ 2024-2025ގެ ސީޒަން ކާމިޔާބުކޮށް ލިވަޕޫލުން ކާމިޔާބުކުރި ޓްރޮފީގެ ނަކަލެކެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، އެ ޓްރޮފީގެ ނަކަލާއެކު ފޮޓޯ ނެގުމަށް އެތައް ހާސް ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށް، ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ކައިރީ ތައްޓާއެކު ފޮޓޯ ނަގާފައިވާ ކަމަށާއި، ރާއްޖޭގެ ސްޓޭންޑުގެ ފުރިހަމަކަމާއި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝައުގު ލިވަޕޫލްގެ ފޭންޒޯންގެ ސަބަބުން އިތުރުވެފައިވާކަމުގެ ވާހަކަ ދެކެވިފައިވާ ކަމަށެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީ ރަމްޒުކޮށްދޭ، 650 އަކަމީޓަރުގެ އެ ސްޓޭންޑުގައި ހިމަނާފައިވާ ލިވަޕޫލްގެ ފޭންޒޯނަކީ މިއަހަރުގެ ޑަބްލިއުޓީއެމް ފެއާގެ އެންމެ ކާމިޔާބު އެއް ސްޓޯލް ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުންޏެވެ. އެ ކޯޕަރޭޝަނުން ވަނީ، މިދިޔަ އޮކްޓޯބަރު މަހު ލިވަޕޫލްގެ ދަނޑުގައި އެ ކުލަބާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ތާނަ އަކުރުން ރާއްޖެ އިޝްތިހާރުކުރިކަން ވެސް ފާހަގަކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެއްސީ މިދިޔަ މާޗް މަހުގެ 13ވަނަ ދުވަހުން ފެށިގެން، 2028ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ކޮންމެ އަހަރަކު ޚަރަދުކުރާ ގޮތަށެވެ. މިއަހަރު އެކަނިވެސް ލިވަޕޫލާއެކީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް 20.6 މިލިއަން ރުފިޔާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޚަރަދުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ