އޮޕަރޭޝަން އަލިމަގު: 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ރާއްޖެއިން ޑްރަގު ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް މިއަދު ފެށި 'އޮޕަރޭޝަން އަލިމަގު'ގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް، ރައީސްގެ އެންގެވުމެއްގެ މަތިން މިއަދު ފަތިހު ފެށި އެ އޮޕަރޭޝަނުގައި ބަލަން ކަނޑައެޅި ތަންތަނުގެ %90 ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލް - ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮފް ޑްރަގްސް އެންޑް ސަބްސްޓެންސް އެބިޔުސް ކޮންޓްރޯލް ޗީފް އިންސްޕެކްޓާ އޮޕް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ އޮޕަރޭޝަނުގެ ތެރެއިން ކެނެބިސް، މެތު އަދި ހެރޮއިން އަށް ޝައްކުކުރެވޭ ތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
މީގެ އިތުރުން
އެކިއެކި ސިންތެޓިކް ޑްރަގު ވަނީ އަތުލައިގަނެފައި
ފައިސާ އަދި މަސްތުވާތަކެތި ކުދިކޮށް ބަންދުކުރަން ބޭނުންވާ ސާމާނު ވެސް އަތުލައިގަނެފައިވޭ
މަސްތުވާތަކެތި ކިރަން ބޭނުންކުރާ ސާމާނު ވެސް ފެނިފައިވޭ
ނާއިފް ވިދާޅުވީ އޮޕަރޭޝަނުގެ ތެރެއިން 104 ތަނެއް ބަލާ ފާސްކުރަން ޝެޑިއުލްކޮށްފައިވާ ކަމަށާއި ބާކީ ހުރި ތަންތަން ހޯލްޑުކޮށްފައި އަދި ހުރީ އޭގެ ތެރޭ އެކަކަށް ނިސްބަތްވާ ގިނަ ތަންތަން ހުރުމުން ކަމަށެވެ.
"އެތަންތަން ވެސް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރެވެމުން އެބަދޭ،" ނާއިފް ވިދާޅުވި އެވެ.
ހޯމްލޭންޑު ސެކިޔުރިޓީ މިނސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ހަ މަހުން ފުލުހުން އެއްކުރި އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކަމަށެވެ.
ރާއްޖޭގެ 100އަށް ވުރެ ގިނަ ތަނުގައި އެއް ވަގުތެއްގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ރާއްޖޭގައި މިގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަނެވެ.
މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި އެ ވިއުގަތައް މުޅިން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ