ހިތަދޫ ޖަންކުޝަނުތަކުން ނަޖިސް ނުނެގޭ ވާހަކަ މޭޔަރު ޕޯސްޓުކުރުމުން މައްސަލަ ހައްލުވެއްޖެ ހިތަދޫ ޖަންކުޝަނުތަކުން ނަޖިސް ނުނެގޭ ވާހަކަ މޭޔަރު ޕޯސްޓުކުރުމުން މައްސަލަ ހައްލުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގެ ފެއިލްވެފައިވާ ނަރުދަމާ ނިޒާމުގެ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ ދެ ދުވަސްވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު، އަލީ ނިޒާރު ސޯސަލް މީޑިއާގައި ޕޯސްޓުކުރުމުން މައްސަލަ ހައްލުކޮށްދީފި އެވެ.
ނިޒާރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިތަދޫގެ ޖަންކްޝަންތަކުން ނަޖިސް ނުނެގިގެން އުޅެނީ އެކަން ކުރުމަށް ކުއްޔަށް ނަގާފައިވަ ބައުޒަރުގެ ޕީއޯ ޕްރޮސެސް ނުކުރެވިގެން ކަމަށެވެ.
"ހިތަދޫގެ ފެއިލްވެފައިވާ ނަރުދަމާ ނިޒާމުގެ ޖަންކްޝަންތަކުން ނަޖިސްނަގަން ކުއްޔަށްނަގާފައިވާ ބައުޒަރުގެ ޕީއޯ ޕްރޮސެސް ނުކުރެވިގެން ޖަންކްޝަންތަކުން ނަޖިސްނުނެގޭތާ ދެ ދުވަސްވީ،" މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ހިތަދޫ ރައްޔިތުންނަށް ނަޖިހާއެކު ނޫޅެވޭތީ މަގުތައް ބަންދުކުރަމުންދާއިރު، ސަރުކާރުގެ މުވައްޒަފުންނާއި ވެރިން ޕީއެންސީގެ ޖަލްސާއަށް މާލެ ގެންގޮސްފައިވާ ކަމަށެވެ.
"ރައީސް މުއިޒްގެ ދެ އަހަރުވީ "ހުސްކަމަށް" ސަނާކިޔަން މީހުން މާލެ ގެންދަން A 330 ހިމެނޭހެން 9 ފްލައިޓް ގަމަށް ޖައްސާނެ ކަމަށް މައުލޫމާތު ލިބިފައިވޭ،" މޭޔަރު ވިދާޅުވި އެވެ.
ނިޒާރުގެ މި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ފަހުން ޕީއޯގެ މައްސަލަ ހައްލުކޮށް، ނަޖިސް ނެގުމުގެ މަސައްކަތަށް ބައުޒަރު ވަނީ ނިކުމެފަ އެވެ. އަދި، ޖަންކުޝަންތަކުން ނަޖިސް ނެގުމުގައި އެ ބައުޒަރު ހަރަކާތްތެރިވަމުންދާ ކަމަށް ހިތަދޫން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސަރުކާރުން އަންނަނީ މާދަމާ މާލޭގައި ބާއްވާ ޖަލްސާއަށް އެކި ކަންކޮޅުތަކުން މީހުން ޖަމާކުރަމުންނެވެ. މި ކަމަށް ޓަކައި ފްލައިޓުތައް ޗާޓަރުކޮށް، ފެރީ ދޯނި ފަހަރު ކުއްޔަށް ހިފައިގެން ބޮޑު ހަރަދެއް ކުރަމުން އަންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ޕީއެންސީން މި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ.
އަބްދުއްރަހުމާން މިހެން ވިދާޅުވިއިރު، މޯލްޑިވިއަންގައި މި ވަގުތު އޮތް އެންމެ ބޮޑު މަތިންދާބޯޓު ފުރަތަމަ ފަހަރަށް އައްޑޫއަށް ވަނީ މިއަދު ދަތުރުކޮށްފަ އެވެ. މޯލްޑިވިއަންގެ ބޯޓު އައްޑޫއަށް ދިޔައީ ވެރިކަންކުރާ ޕީއެންސީ އިން މާދަމާ ރޭ މާލޭގައި ބާއްވާ ޖަލްސާއަށް މީހުން މާލެ ގެނައުމަށެވެ.
އައްޑޫގެ އިތުރުން މި ވަގުތު ފެނަށް ޖެހިފައި އޮތް ފުވައްމުލަކު ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުން، މާދަމާ ވެރިކަންކުރާ ޕީއެންސީއިން މާލޭގައި ބާއްވާ ޖަލްސާއަށް މީހުން ގެންނަކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ