ޖޯޑަން ބަލިކޮށް ރާއްޖޭގެ އަންހެން ޓެނިސް ޓީމު ބިލީ ޖީން ކިންގް ކަޕް ފައިނަލަށް ޖޯޑަން ބަލިކޮށް ރާއްޖޭގެ އަންހެން ޓެނިސް ޓީމު ބިލީ ޖީން ކިންގް ކަޕް ފައިނަލަށް

ސެމީ ފައިނަލުގައި ޖޯޑަން ބަލިކޮށް، ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ވިއެޓްނާމްގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް، އޭޝިއާ/އޯޝެނިއާގެ ގްރޫޕް ތިނެއްގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓެނިސް ޓީމުގައި ހިމެނެނީ، ނަބާ ނިޝާން، އާރާ އާސަލް އާޒިމް، ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާން އެވެ. ރާއްޖޭގެ ޓީމުގެ ކޯޗަކީ، އީރާނުގެ އަލީ ރިޒާ އެވެ.
އޭޝިއާ/އޯޝެނިއާ ގްރޫޕް ތިނެއްގައި ހަތް ޓީމެއް ދެ ގްރޫޕަކަށް ބަހާލައިފައިވާއިރު، ރާއްޖެ ހިމެނުނު ގްރޫޕުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސެމީ ފައިނަލަށް ދަތުުކުރިއިރު، ރާއްޖޭން ވަނީ މުބާރާތް ބާއްވާ ވިއެޓްނާމްގެ އިތުރުން ބަހްރެއިން ވެސް ބަލިކޮށްފަ އެވެ. އަދި، އެ ދެ ޓީމުގެ މައްޗަށް ކުރިހޯދި ސްކޯ ކަމަށްވާ 3-0 އިން، ސެމީ ފައިނަލުގައި ޖޯޑަންގެ މައްޗަށް ވެސް ކުރިހޯދި އެވެ.
އެ ގޮތުން، ޖޯޑަންއާ ދެކޮޅަށް ކުޅުނު ފުރަތަމަ ސިންގަލްސްގައި، ރާއްޖޭގެ ނަބާ ނިޝާން ވަނީ 6-4، 6-4 އިން ޖޯޑަންގެ އަބޫ އަލް ހަޖް އަންނަ އަތުން މޮޅުވެފަ އެވެ. ދެ ވަނަ ސިންގަލްސްގައި، ރާއްޖޭގެ އާރާ ވަނީ 6-1، 6-2 އިން ޖޯޑަންގެ ނޫރް ސަޔޭޖް އަތުން މޮޅުވެފަ އެވެ. ފުރަތަމަ ޑަބަލްސްގައި ރާއްޖޭގެ ކަރިން އާއި ނަޔާރާގެ ޕެއާ އިން ވަނީ 6-1، 6-3 އިން ޖޯޑަންގެ ސުލަފް އަބޫލަތީފް އާއި ހާޖަރު އަލް ލޫޒީގެ ޕެއާ އަތުން މޮޅުވެފަ އެވެ.
މާދަމާ ރާއްޖޭގެ ޓީމުން ފައިނަލުގައި ކުޅޭނީ ލާއޯސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ގްރޫޕް ދޭކަށް ރާއްޖޭގެ އަންހެން ޓީމު ޕްރޮމޯޓްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ