ޕީއެންސީގެ ޖަލްސާއަށް މީހުން ގެންނަން 50 މިލިއަން ރުފިޔާ އެބަ ހަރަދުކުރޭ: އަބްދުއްރަހްމާން ޕީއެންސީގެ ޖަލްސާއަށް މީހުން ގެންނަން 50 މިލިއަން ރުފިޔާ އެބަ ހަރަދުކުރޭ: އަބްދުއްރަހްމާން

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަ ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާން ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހްމާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ.
"ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސް ބޮޑުމަންޒަރު ދެއްކުމަށް 500ލައްކަ ރުފިޔާ ހަރަދު ހިނގާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނު، އަދި މިކަމަށް އަންލިމިޓެޑް ބަޖެޓް އޮތްވާހަކަވެސް އިވުނު، ބޮޑުމަންޒަރު ދައްކަން ފޫނެތް ބަޖެޓު،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށެވެ.
ޕީއެންސީން ބާއްވާ ޖަލްސާއިން ހާސިލުކުރަން އުޅެނީ ކޮން ކަމެއްކަމާމެދު ސުވާލު އުފައްދަވާ އަބްދުއްރަހްމާން ވިދާޅުވީ އަނގަޔާއި އަތާ ދިމާނުވާ ވާހަކަ ސަރުކާރުން ދައްކާފައި މިފަދަ ކަންކަން ކުރީމަ އެވާހަކަތައް ގަބޫލުކުރަން އުނދަގުވާ ކަމަށެވެ.
ޕީއެންސީން މި އިސްރާފު ކުރާއިރު ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެގެން މަސްނެތް ގަރުދިޔަ ކައިގެން ބޭސް ފަރުވާއަށް ސަލާންޖަހަން ތިބި މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުން މީހުން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓްތައް ދަނީ އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކާއި އެހެން ރަށްތަކަށް ވެސް ދަތުރުކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން ގައި މިވަގުތު އޮތް އެންމެ ބޮޑު މަތިންދާ ބޯޓު، ފުރަތަމަ ފަހަރަށް އައްޑޫއަށް ދަތުރުކުރީ ޖަލްސާއަށް މީހުން ގެންނާށެވެ.
ޕީއެންސީން ރަށްރަށުން ވަޒީފާ ދީފައި ތިބި ގިނަ އަދަދެއްގެ މީހުން ދަނީ މާދަމާ ރޭގެ ޖަލްސާއަށް މާލެ ޖަމާކުރަމުންނެވެ. އެ ޖަލްސާއަށް މީހުން ގެނައުމަށް އެ ޕާޓީން ދަނީ ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ