200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމުގެ ފައިނޭންސިންގ ސްކީމްގެ ތިންވަނަ ފިޔަވަހި ހުޅުވާލައިފި

މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، 200 މަސްދޯންޏަށް އަމާޒުކޮށް ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) ޤާއިމުކުރުމުގެ ފައިނޭންސިންގ ސްކީމްގެ ތިންވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.
މި ސްކީމް ތައާރަފުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ. މި ފިޔަވަހީގެ ދަށުން އެޕްލިކޭޝަންތައް ބަލައިގަންނަން މިހާރު ވަނީ ފަށާފައެވެ.
އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ މި ފައިނޭންސިންގގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި އާރު.އެސް.ޑަބްލިޔު ނިޒާމާއި، ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓް ފަދަ ވަސީލަތްތައް ލުއިފަސޭހަ ގޮތެއްގައި ފައިނޭންސްކޮށްދިނުމެވެ. މި ސްކީމަކީ އައިއެސްޑީބީގެ އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގ އާއި އެލްއެލްއެފްއިން ދޭ ހިލޭ އެހީ ހިމެނޭހެން ފަރުމާކުރެވިފައިވާ ޕްރޮޖެކްޓް ފައިނޭންސިންގއެކެވެ. އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލް ކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ލިބި، އަނބުރާ ދައްކަންޖެހޭ އަދަދުން އެ މިންވަރު އުނިކުރެވޭނެއެވެ.
މި ސްކީމުގެ ދަށުން މަސްވެރިންނަށް ލިބިގެންދާ ފައިނޭންސިންގގެ މައުލޫމާތުތަކުގެ ތެރޭގައި 2,000,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބުމާއި، 6 މަސް ދުވަހުގެ ގްރޭސް މުއްދަތެއް ހިމެނެއެވެ. ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރުގެ މުއްދަތެއް ލިބޭއިރު، ފައިދާ ހިސާބުކުރާނީ އަހަރަކަށް %6 ރޭޓްގައެވެ. މީގެ އިތުރުން، މި ސްކީމަށް ރަހުނެއް ބޭނުމެއް ނުވާނެއެވެ. އަދި އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށެވެ.
މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި މި ނިޒާމު ދޯނިފަހަރުގައި ޤާއިމުކުރެވެމުންދާކަމީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ