ބީއެމްއެމް އެެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅުގެ ޗެމްޕިއަންކަން، މަނަދޫ އިން ހޯދައިފި އެވެ.
މަނަދޫން ޗެމްޕިއަންކަން ހޯދީ ކެނދިކުޅުދޫއާ ދެކޮޅަށް ކުޅުނު ދެ މެޗުން އެގްރިގޭޓަށް ބަލާއިރު، 5-3 އިން ކުރިހޯދައިގެންނެވެ.
އެ ގޮތުން، މި މަހު ނުވަ ވަނަ ދުވަހު މަނަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމުން ވަނީ ކެނދިކުޅުދޫ އަތުން 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި، މަނަދޫގެ ލަނޑުތައް ޖެހީ މިފްޒާލް އަބްދުﷲ ދެ ގޯލުގެ އިތުރުން އަހުމަދު އަލީ އެވެ. ކެނދިކުޅުދޫގެ ލަނޑުތައް ޖެހީ، އަފްރާހު މުހައްމަދު އާއި މުހައްމަދު އަރީހު އެވެ.
އިއްޔެ، ކެނދިކުޅުދޫގައި ކުޅުނު ދެ ވަަނަ ލެގުގެ މެޗުން މަނަދޫ މޮޅުވީ 2-1 އިންނެވެ. މި މެޗުގައި، ކެނދިކުޅުދޫގެ ލަނޑު ޖެހީ އަފްރާހު އެވެ. އަދި، މަނަދޫގެ ލަނޑުތައް ޖެހީ، ޒަލީޝާން ހަސަން އެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، އެފްއޭއެމް އިން އަތޮޅު ފުޓްބޯޅަ މުބާރާތް މި ފަހަރު މި ފެށީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވެފައި އޮތްގޮތަށް ފޯމެޓް އެކުލަވާލައިގެންނެވެ. އެފްއޭއެމް އިން މުޅި ރާއްޖެ ބަހާލައިފައިވަނީ ހަތަރު ރީޖަން އަކަށެވެ.
ނޯތު ރީޖަންގައި ހިމެެނެނީ، ހދ. ގެ އިތުރުން، ހއ، ށ، ނ، ރ، ބ އަދި ޅ އެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
ނޯތު ރީޖަންގެ ލީގު ކޮލިފައިން އިން މިހާތަަނަށް ޖާގަ ހޯދާފައިވަނީ، ހދ. ގެ ޗެމްޕިއަން، ކުޅުދުއްފުށްޓާއި ރަނަރަޕް، ހަނިމާދޫގެ އިތުރުން، ނ. ގެ ޗެމްޕިއަން، މަނަދޫ އާއި ރަނަރަޕް، ކެނދިކުޅުދޫ އެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.
މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ޗެމްޕިއަންކަން މަނަދޫ އިން ހޯދައިފި އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ޗެމްޕިއަންކަން މަނަދޫ އިން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ