ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކުރެވެންދެން އޭސީސީ އުވާލަން ގޮވާލައިފި ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކުރެވެންދެން އޭސީސީ އުވާލަން ގޮވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނަތިޖާ ނުނުރެވޭ ކަމަށް ބުނެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ނިމެންދެން އެ ކޮމިޝަން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ގޮވާލައްވައިފި އެވެ.
އަމީން މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އޭސީސީ އަށް އަންނަ އަހަރަށް ދޭން ކަނޑައަޅާފައިވާ ބަޖެޓުން ނުފުދޭ ކަމަށް ބުނެ ބޮޑު ބަޖެޓަކަށް އެދުމުން އެކަމާ ނުރުހުން ފާޅުކުރައްވާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން އަމީން ވިދާޅުވީ ބޮޑު ބަޖެޓު ދީގެން ކޮރަޕްޝަންގެ މައްސަލަ ބެލޭ ތަނެއް އަދި ކޮރަޕްޝަން މަދުކުރެވޭ ތަނެއް ނުފެންނަ ކަމަށާއި ރައްޔިތުން ދެކޭ ގޮތުގައި އެންމެ ކޮރަޕްޓު ކޮށް ހިނގަނީ އޭސީސީ ކަމަށެވެ.
"އަޅުގަނޑުގެ ހިޔާލެއް، މުޅި މަޖިލީހަށް. ހާއްސަކޮށް މާލިއްޔަތު ކޮމިޓީއަށް. އަޅުގަނޑަކަށް ނުފެނޭ ރާއްޖޭގެ ހާލަތު މިހާރު ހުރި ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން ބާއްވާކަށް. އަޅުގަނޑަށް ފެންނަނީ އުވާލަން. އެއީ އަޅުގަނޑުގެ ދާއިރާގަ ވެސް 2008 އިން ފަށައިގެން އަދިވެސް އެބަހުރި ފެނާއި ނަރުދަމާ ނިޒާމު ނުލިބޭ ރަށްރަށް،" އަމީން ވިދާޅުވި އެވެ.
މިވަގުތަށް އޭސީސީ އުވާލުމަށްފަހު، ދައުލަތުގެ ބަޖެޓު އަރަނި ވަންދެން އެގޮތުގައި ބާއްވަން މަޖިލީހުން ގޮތެއް ނިންމަން އަމީން ގޮވާލެއްވި އެވެ. މިވަގުތު އޮތީ ޕީއެންސީގެ މެޖޯރިޓީ ކަމުން އެކަން ނިންމައި ދިނުމަށް އެދި އަމީން ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދުވަހަކު ވެސް އެކަން ކުރުމަށް ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ ހިޔާލަކީ މަޖިލިސް މެންބަރުން އެކައްޗެއް ކިޔާފަ، މިނިވަން މުއައްސަސާ، އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލާފަ އެހަށް ގާއިމުކޮށްދޭންވީ، 15 ވަރަކަށް ރަށް މިހާރު މިއޮތީ އަސާސީ ހިދުމަތްތައް ނެތް. އެކަންކަން ކޮށްފަ ދެން އަޅުގަނޑުމެން ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގައިގެން ކޮމިޝަންތައް ހަދަން،" އަމީން ވިދާޅުވި އެވެ.
އޭސީސީން ބޭނުންވަނީ 84.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ އިތުރުން އޮފީސް ޖާގައެއް ހޯދުމަށް ހަތް މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ވެސް އޭސީސީން ވަނީ ބަޖެޓު ކޮމިޓީގައި އެދިފަ އެވެ. މިހާރު ވެސް މަހެއްގެ މައްޗަށް 400،000ރ. ކުއްޔަށް ހޭދަކުރާ ކަމަށް އޭސީސީން ބުނެ އެވެ.
މިއަހަރު އޭސީސީއަށް 52.7 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސިއިރު 2024 ވަނަ އަހަރު ވެސް ދިނީ 47 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީގައި ހިމެނޭ މެންބަރުން ވަނީ ބޮޑު ބަޖެޓެއް ހަމަޖެއްސި ނަމަވެސް އޭސީސީއަށް ނަތީޖާ ނުނެރެވޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ